ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ވިސާ ޑެބިޓް ކާޑުގެ ތެރެއިން މުއްދަތު ހަމަވާ ކާޑުތައް، ކަސްޓަމަރ ގެ އެޕްލިކޭޝަނަކާއި ނުލައި ބޭންކުގެ ފަރާތުން އައު ކޮށްދޭގޮތަށް ހަމަޖައްސައިފި އެވެ.
ބޭންކުން މަޢުލޫމާތު ދޭ ގޮތުގައި މި ގޮތަށް ވިސާ ޑެބިޓް ކާޑު އައު ކުރެވޭނީ ކާޑުގެ މުއްދަތު ހަމަވާ މަސްތެރޭގައެވެ. އައު ކާޑު ހަދާ ނިމުމުން ކަސްޓަމަރާއި ގުޅައި ކާޑު ހަވާލުކުރުމުގެ އިންތިޒާމް ބޭންކުން ހަމަޖައްސާނެއެވެ. މި ގޮތުން ކާޑު އައު ކޮށްދެވެނީ ކާޑުގެ މުއްދަތު ހަމަވުމުގެ ކުރިން ފާއިތުވި ތިންމަސް ދުވަހުގެ ތެރޭގައި ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން މަދުވެގެން އެއް މުޢާމަލާތް ކުރައްވާފައިވާ ކަސްޓަމަރުންގެ ޑެބިޓް ކާޑެވެ.
ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތެއްގައި ޚިދުމަތް ދިނުމުގެ ގޮތުން ތަޢާރަފް ކުރި މި ޚިދުމަތުގެ ސަބަބުން ވިސާ ޑެބިޓް ކާޑުގެ އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ކިޔޫގައި މަޑު ކުރަން ނުޖެހި ފަސޭހަ ގޮތެއްގައި ކަސްޓަމަރުންނަށް ވިސާ ޑެބިޓް ކާޑު ލިބެގެންދާނެކަމަށް ބޭންކުން ބުނެއެވެ.