ކުޅުދުއްފުށީ އަމީނީމަގުގައި ޖަހާފައިވާ ރޯޑް ޑިވައިޑަރުތައް ނެގުމަށް، އެ މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އަށް އަންގާފައިވާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ އަދާލަތު ޕާޓީއަށް މީހުން އިތުރުކުރުމަށްޓަކައި ކުޅުދުއްފުށީގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ ޓެކްސީ ކުރާ ފަރާތްތަކާއި، މަގު ބޭނުންކުރާ ގިނަ ފަރާތްތަކަށް ރޯޑު ޑިވައިޑަރުތަކުގެ ސަބަބުން މަގުގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ނުހިފޭކަމުގެ ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ.
“އެއްވެސް ރައްޔިތަކަށް އުނދަގޫވާ ގޮތަކަށް ހައުސިން މިނިސްޓްރީ އިން އެއްވެސް ކަމެއް ނުކުރާނަން. އެގޮތުން އަމީނިމަގުގައި ޖަހާފައިވާ ރޯޑު ޑިވައިޑަރު ތައް ނެގުމަށް އިއްޔެ ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަނަށް ވާނީ އަންގާފައި.” މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ކުރީގެ ސަރުކާރުން ހަދަން ނިންމާފައިވާ މިމަގު އެބޭފުޅުންނާ ހަވާލުވިއިރު ޑިޒައިންކޮށް ނިމިފައިވާ ކަމަށާއި އެހެން ކަމުން މަގަށް މާ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ކަންކަންކޮށްފައި ވަނީ މާބޮޑު ޕްލޭނެއް ނެތި ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ އުނދަގޫވަމުން އަންނަ ކަމަށެވެ.
މިކަމާއި ގުޅިގެން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ ރޯޑު ޑިވައިޑަރުތައް ނެގުމަށް ނުރަސްމީކޮށް އަންގާފައިވާ ކަމަށާއި، ރަސްމީކޮށް އެންގުމުން ނަގާނެކަމަށެވެ.
ކުޅުދުއްފުށީ އަމީނީމަގު ބޭނުންކުރާ ފަރާތްތަކަށް ދަތިތައް ދިމާވާކަމަށް ބައެއް މީހުން ބުނެއެވެ. އެގޮތުން އޯވާޓޭކް ކުރާއިރު ޖާގަނުލިބުން ފަދަ ބޮޑެތި މައްސަލަތައް ޝަކުވާ ހުށަހެޅި ބައެއް މީހުން ވަނީ ފާހަގަ ކޮށްފައެވެ. ރޯޑް ޑިވައިޑަރުތައް ނެގުމަށް މަގުގެ ބޭނުން ހިފާ ގިނަ ފަރާތްތަކުން ކުރީގެ ސަރުކާރުގައި ވެސް ވަނީ އެދިފައެވެ.