twitterviber whatsapp telegramfacebookyoutube instagram
21st May 2024

ހދ އަތޮޅު ކައުންސިލުން ލައިސަންސް ކާޑު ހަދައިދޭން ފަށައިފި

Feb 9, 2013

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކާޑު ހދ. އަތޮޅު ކައުންސިލުން ހަދައިދޭން ފަށައިފި އެވެ.

ލައިސަންސް ކާޑު ހަދައިދިނުމުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވީ ހދ އަތޮޅު ކައުންސިލް އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކައުންސިލްގެ ރައީސް ހުސައިން ރަޝީދު އެވެ.

މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ މަސައްކަތެއް ފެށުމަކީ ފަސޭހަ ކަމެއް ނަމަވެސް އެކަމެއް ދެމެހެއްޓުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި ގިނަ މަސައްކަތްތަކަކީ ފެއްޓުމަށް ފަހު ހުއްޓޭ ކަންތައްތައް ކަމަށް ވިދާޅުވެ މި ހިދުމަތް ރައްޔިތުންނަށް ދިނުމުގައި ދެމިތިބުމަށް ހދ އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް ގޮވާލައްވާފައި ވެއެވެ.

އަދި ކަމެއް ކުރަން ފެށޭނީ އެއަތޮޅެއްގެ ބަޔަކު ބޮޑެތި ގުރުބާނީ ތަކެއް ވެގެން ކަމަށާއި ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ލައިސެންސް ހަދާނީ ކަމަށް ތަމްރީނު ކުރެވިފައިވާ ފަރާތްތައް ކަމަށްވެސް ނާފިޒް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ހދ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ރަޝީދު ވިދާޅުވީ ކުޅުދުއްފުށިން ލައިސެންސް ޕްރިންޓް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ އަތޮޅުގެ ގިނަ ބަޔަކަށް އަވަހަށް، ފަސޭހަ ކަމާއިއެކު ލައިސެންސް ހެދޭނެ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މާލެއަށް ބަރޯސާވެފައޮންނަ އޮތުން ކުޑަވެގެން ދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ހަމަޖެހިފައިވާ ގަޑިއަށް ރަސްމިއްޔާތު ނުފެށިގެން ޝަކުވާތަކެއް ހުށަހެޅުނު މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ބައެއް މެމްބަރުންނާއި ކައުންސިލް ތަކުގެ ތަކުގެ ޒިންމާދާރު ވެރިންނާއި ލޯންޗްތަކުގެ ފަޅުވެރިންވެސް ވަނީ ބައިވެރިވެފައި އެވެ.

ހދ އަތޮޅު ކައުންސިލަށް ލައިސެންސް ކާޑު ހަދާ މެޝިން ލިބިފައިވާތާ 2 މަސްދުވަސް ވަނީ ވެފައެވެ. މީގެ ކުރިން ލައިސަންސް ކާޑު ހައްދަމުން އައީ ހދ.އަތޮޅު ކައުންސިލް މެދުވެރިކޮށް ހުރިހާ މައުލޫމާތެއް ޓްރާންސްޕޯޓް އޮތޯރިޓީއަށް ފޮނުވައިގެން އެ އޮތޯރިޓީންނެވެ.

މިނޫހަށް އެނގިފައިވާ ގޮތުގައި، ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރަން ފެށުމަށްޓަކައި ޓްރާންސްޕޯޓް އޮތޯރިޓީއާއި ކައުންސިލާ ދެމެދު އަންނަނީ މަޝްވަރާކުރަމުންނެވެ. އެހެންނަމަވެސް، އެހިދުމަތް ދޭން ފަށާނެ ވަކި ދުވަހެއް އެނގިފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355