twitterviber whatsapp telegramfacebookyoutube instagram
12th February 2026

ކުޅުދުއްފުށީ ފިހާރައެއްގައި މަސައްކަތް ކުރާ ކުއްޖަކަށް ބިރުދައްކާ ފައިސާތަކެއް ފޭރިގަތް މީހަކު ފުލުހުން ހައްޔަރު ކޮށްފި

Feb 11, 2013

ކުޅުދުއްފުށީ “ދިވެލި” ފިހާރައިގައި މަސައްކަތް ކުރާ 16 އަހަރުގެ ފިރިހެން ކުއްޖަކަށް ބިރުދައްކާ ފައިސާތަކެއް ފޭރިގަތް މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ރޭ 8:45 ހާއިރު ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ފިހާރަ ހުންނަ ސަރަހައްދަށް ގޮސް ކުށުގެ ވެށިން އުމުރުން 21 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މައްސަލައިގެ ތަހްގީގު ކުރިއަށްދާތީ ހައްޔަރު ކުރި މީހާގެ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.

މިކަމާ ގުޅިގެން އެކުއްޖާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ ބިރު ދައްކައިގެން ފައިސާ އަތުލާތާ 8 ވަރަކަށް ދުވަސްވެފައިވާ ކަމަށާއި، ފައިސާ ނަގަނީ ފިހާރަ އިން ކަމަށެވެ. އަދި އެކި ފަހަރު މަތިން ގާތްގަނޑަކަށް 6000 ރުފިޔާ އަތުލާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

“ފިހާރައަކީ ކެމެރާއެއް ހުންނަ ފިހާރައެއް ނޫން. އެކި ފަހަރު މަތިން ގާތްގަނޑަކަށް 6000 ރުފިޔާ 8 ދުވަސް ތެރޭގަ އަތުލާފަ ވަނީ.” އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެއީ އެއްއިރެއްގައިވެސް މާ ވާހަކަތައް ހިއްސާކުރާ ކުއްޖެއް ނޫން ކަމަށާއި، އިތުރު ތަފާތެއް ފާހަގަވެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މިނޫހަށް މައުލޫމާތު ދިން އެ އާއިލާގެ އެހެން މެމްބަރަކު ބުނީ ކޮއްކޮ ވަރަށް ބޮޑަށް ބިރު ގަނެ ނަފްސާނީ ގޮތުން އަސަރު ކޮށްފައިވާ ކަމަށެވެ.

މިމައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355