twitterviber whatsapp telegramfacebookyoutube instagram
1st May 2024

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ މިކުރަނީ ލާދީނީ ފިކުރުގެ އޮއިވަރުތަކާއި ބައިބައިވުން ގިނަ ދުވަސްވަރެއްގައި: ޔަޒީދު

Feb 12, 2013

ރާއްޖެ އިސްލާމްވި ދުވަސް މިއަދު ފާހަގަ ކުރާއިރު، މިދުވަސްވަރަކީ ޤައުމުގައި ލާދީނީ ފިކުރުގެ އޮއިވަރުތަކާއި މުޖްތަމައުގެ ބައިބައިވުން ގިނަ ދުވަސްވަރެއްކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު  މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ކުލުދުއްފުށީގެ ސްކޫލުތަކާއި އަތޮޅު ކައުންސިލް ގުޅިގެން  ކުޅުދުއްފުށީ އަފީފުއްދީން ސްކޫލު މިއަދު ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވަމުންނެވެ. ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގައި މިދުވަސްވަރަކީ މިފަދަ ހަފްލާއެއް ބާއްވަން އެންމެ ރަނގަޅު ދުވަސްވަރު ކަމަށާއި، އެހެނީ މިދުވަސްވަރަކީ ޤައުމުގައި ލާދީނީ ފިކުރުގެ އޮއިވަރުތަކާއި މުޖްތަމައުގެ ބައިބައިވުން ގިނަ ދުވަސްވަރެއްކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެ އިސްލާމްދީން ޤަބޫލުކުރީ ކީއްވެކަމާއި އެކަމުގެ ސަބަބު ތަކުގެ މައްޗަށް އަލިއަޅުވާލާ ވާހަކަދެއްކެވި އެވެ.

މިދުވަހާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހދ އަތޮޅު ކައުންސިލް މެމްބަރު އަހުމަދު ޚަލީލް ވިދާޅުވީ ދީނުގެ އިމުން ބޭރުގައި އަޅުގަނޑުމެންނަށް ކުރެވޭ އެއްވެސް ކަމަކީ އަޅުގަނޑުމެންނަށް ކާމިޔާބުކުރެވޭނެ ކަމެއް ނޫންކަމަށާއި ފަހަކަށް އައިސް ދީނާއި ސިޔާސަތު ވަކިކުރުމަށް ބައެއްމީހުން މަސައްކަތް ކުރާކަމަށެވެ. ދީނީ އިލްމުވެރިންނަކީ މުޖްތަމައު އިސްލާހުކުރުމުގައި އެންމެ ބޮޑު އެއް ޒިންމާ އުފުލަންޖެހިފައިވާ ފަރާތްތައް ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ. އަދި ބަދަލުވަމުންދާ ޒަމާނުގައި ދުނިޔޭގެ އެހެން ޤައުމުތަކަށް ކުރިމަތިވާފަދަ ދީނީ މައްސަލަތައް އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމައަށް ވެސް ފޯރަމުންދާކަން ފާހަގަކުރެއްވިއެވެ.

މިޖަލްސާ ގައި ދުވަހާއި ގުޅޭ މަދަހައެއް ހދ އަތޮޅު ދަރިވަރުން ވަނީ ހުށައަޅާދީފައެވެ. ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެބޭއްވުމުގައި ސުކޫލު ކުދިންގެ ދައުރާއި ބެހޭގޮތުން ޖަލާލުއްދީން ސްކޫލްގެ ދަރިވަރު ހުމައިދު އަލީ ވާހަކަ ދެއްކިއިރު ރާއްޖެ އިސްލާމްވި ދުވަހުގެ މައްޗަށް އަލިއަޅުވާލާ އަފީފުއްދީން ސްކޫލުގެ އައިޝަތު ޝިފާ ހުސައިން ވަނީ ވާހަކަ ދައްކާފައެވެ. އަދި އަތޮޅު ކައުންސިލްގެ ފަރާތުން ނައިބު ރައީސް ޒަކަރިއްޔާ ހަސަންވެސް ވަނީ ދުވަހާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ.

ސްކޫލުތަކުގެ ގިނަ އަދަދެއްގެ ކުދިންނާއި، ސަރުކާރުގެ އެކިއެކި މުއައްސަސާ ތަކުގެ އިސްވެރިންނާއި މުވައްޒަފުން އަދި އާންމުން ވަނީ މި ޖަލްސާގައި ބައިވެރިވެފައެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355