ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާގްއަކީ އޭނާގެ މޮޅުކަން އެންމެން ވެސް ކޮޕީކުރަން ބޭނުންވާ އެކަކެވެ. އެންމެ ޒުވާން ބިލިޔަނަރަށްވެ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ޒުކަބާގްއަކީ ފޭސްބުކްއާއެކު މުޅި ސޯޝަލް މީޑިއާ ޑޮމިނޭޓްކުރާ މީހާއެވެ. ނަމަވެސް އޭނާއަށް ލިބުނު މުއްސަނދިކަމާ މަޝްހޫރުކަމުގެ ސަބަބުން ދަހިވެތިވެ ކިބުރުވެރި ވުމުގެ ބަދަލުގައި އޭނާގެ ހިތްހެޔޮކަންވެސް ދިޔައީ އިތުރު ވެގެންނެވެ. މިހާރު ޒުކަބާގްއަކީ އެމެރިކާގައި ޗެރިޓީއަށް ފައިސާދޭ ފަރާތްތަކުގެ ތެރެއިން އެންމެ ކުރީ ސަފުގައި ހިމެނޭ މީހެކެވެ.
ޒުކަބާގް އާއި އޭނާގެ އަންހެނުން މިދިޔަ އަހަރު ވަނީ ބައި ބިލިޔަން ޑޮލަރު އެމެރިކާގެ ސިލިކަން ވެލީ ކޮމިއުނިޓީ ފައުންޑޭޝަނަށް ހަދިޔާ ކޮށްފައެވެ. މިދިޔަ އަހަރު ޗެރިޓީއަށް އެންމެ ގިނައިން ފައިސާޚަރަދުކުރި މީހުންގެ ތެރެއިން އޭނާ ވަނީ ދެވަނައިގައެވެ. އެއްވަނައިގައި ވަނީ ބިލިޔަނަރު ވޮރެން ބުފޭ އެވެ.
ޒުކަބާގް ދީލަތި އެހީ ފޯރުކޮށްދިން ސިލިކަން ވެލީ ކޮމިއުނިޓީ ފައުންޑޭޝަނަކީ ސެން ފްރެންސިސްކޯގައި މީހުންނަށް އެހީވުމަށް ތަފާތު ހަރަކާތްތައް ހިންގާ ޖަމިއްޔާއެކެވެ. އޭގެ ތެރޭގައި ފަގީރުންނަށް ކާނާ އާއި ބޯހިޔާވަހިކަން ހޯދައިދިނުމާއި ހިޖުރަކުރާ މީހުންނަށް އިނގިރޭސި ކިޔަވައިދިނުމާއި ކެލިފޯނިއާ ވައިލްޑްފަޔަރސްގައި ގެއްލުން ލިބޭ މީހުންނަށް އެހީވުން ހިމެނެއެވެ.
“އަހަރެމެން ގުޅިގެން ދެން ބަލާނީ ތަޢުލީމާއި ސިއްހީ ދާއިރާއަށް އެހީވާން. އަދި މުސްތަގްބަލުގެ ޕްރޮޖެކްޓްތަކަށް ރަނގަޅު ފައިދާއެއް މީގެން ކުރާނެ.” ޒުކަބާގްގެ ފޭސްބުކްގައި ލިޔެފައި ވެއެވެ.
ބޮޑު ޑޮނޭޝަންއެއް އެންމެ ފުރަތަމަ ޒުކަބާގް ހަދާފައިވަނީ 2010 ވަނަ އަހަރުއެވެ. އޭރު އޭނާވަނީ ނިއުޖާޒީގެ ޕަބްލިކް ސްކޫލަކަށް 100 މިލިޔަން ޑޮލަރުގެ އެހީއެއް ދީފައެވެ. އޭނާވަނީ ސިލިކަން ވެލީ ކޮމިއުނިޓީ ފައުންޑޭޝަންއަށް 18 މިލިޔަން ފޭސްބުކް ޝެއާވެސް ގަނެދީފަ އެވެ.