ކުޅުދުއްފުށީ ކައުންސިލުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން މުހައްމަދު ޔަޒީދާ ބައްދަލު ކުރައްވައިފި އެވެ.
ކުޅުދުއްފުށީ ކައުންސިލް އިދާރާގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި މި ބައްދަލު ވުމުގައި މައިގަނޑު 2 ކަމެއް ހުށަހަޅާފައިވާނެ ކަމަށް ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް ވިދާޅުވި އެވެ. މިގޮތުން ފިހާރަތަކުގައި ސޭޓުންގެ ގޮތުގައި ތިބޭ ފަރާތްތަކަށް ޓެކްސް އާއި ބެހޭ މައުލޫމާތު ދީ ޓްރެއިނިންގތައް ކުރިއަށް ގެންގޮސްދިނުމާއި އޮޑިޓް ކުރާނެ ގާބިލު މީހުން އުފެއްދުމަށް ހުށަހަޅާފައިވާނެ ކަމަށް ރަމީޒު ވިދާޅުވި އެވެ.
“އަޅުގަނޑުމެން ހުށަހަޅާފަ ވާނީ މައިގަނޑު 2 ކަމެއް. ޓެކްސްގެ ވެށީގަ ވަރަށް މުހިއްމު ކަމެއް އޮޑިޓް ކުރުމަކީ. ދެން މިކަންކަމުގެ މައުލޫމާތު ހުރުމަކީ.” ރަމީޒު ވިދާޅުވި އެވެ.
ރަމީޒު ވިދާޅުވީ ސީދާ މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން އެކަންކަން ނުކުރެވޭނެ ނަމަ ކުޅުދުއްފުށީގައި ހުންނަ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހުގައި މިފަދަ އޯޑިޓު ކުރުމުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ކޯސްތަކެއް ކުރިއަށް ގެންދިޔުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެލައްވާ ކަމަށެވެ.
މީރާގެ ބޯޑުގެ ފަރާތްތަކާއި އެކު އިއްޔެ ބޭއްވި މި ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއް ކަމަށް ރަމީޒު ވިދާޅުވި އެވެ.
މީރާއިން ދާދި ފަހުން ވަނީ އެ އޮތޯރިޓީގެ އޮފީހެއް ކުޅުދުއްފުށީގައި ހުޅުވާފައި އެވެ.