twitterviber whatsapp telegramfacebookyoutube instagram
1st May 2024

ފ. ނިލަންދޫގައި ޖިމްނާސްޓިކް ދަސްކޮށްދިނުމަށް ކުޅުދުއްފުށީ ދެބުދާރުގެ އާދަމް އިސްމާއީލަށް ފުރުޞަތު ލިބިއްޖެ

Feb 16, 2013

ފ. ނިލަންދޫގައި ޖިމްނާސްޓިކް ދަސްކޮށްދިނުމުގެ ފުރުޞަތު، ކުޅިވަރުގެ މަޝްހޫރު ޝަހުސިއްޔަތެއް ކަމުގައިވާ ކުޅުދުއްފުށީ ދެބުދާރުގެ އާދަމް އިސްމާއީލް އަށް ލިބިއްޖެ އެވެ.

ނިލަންދޫގައި ޖިމްނާސްޓިކް ދަސްކޮށްދިނުމަށް 10 ދުވަހު އެރަށުގައި މަޑުކުރާނެ ކަމަށް އުމުރުން މިހާރު 80 އަހަރުވެފައިވާ ޖިމްނާސްޓިކް އިންސްޓްރަކްޓަރ އާދަމް އިސްމާއީލް ވިދާޅުވި އެވެ.

ނިލަންދޫއަށް ފުރުމުގެ ކުރިން މިނޫހަށް ދިން ބަސްދީގަތުމެއްގައި، އާދަމް އިސްމާއީލް ވިދާޅުވީ ވޭތުވެދިޔަ 2 އަހަރު ކުޅުދުއްފުށީ ސްކޫލުތަކުގެ ދަރިވަރުންނަށް ޖިމްނާސްޓިކް ދަސްކޮށްދޭން ހުށަހެޅި ނަމަވެސް އެއްވެސް ސްކޫލަކުން ވެސް އަދި ރަށު ކައުންސިލުންވެސް އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

“މި 2 އަހަރު އަޅުގަނޑު ވަރަށް ގިނަ ފަހަރު އެދުނިން ފުރުސަތެއް ލިބޭތޯ. އެމީހުން ބުނަނީ ޖިމްނާސްޓިކް ދަސްކުރީމަ އަނިޔާ ވާނޭ. އަޅުގަނޑު ބުނާނީ އެއީ ކަނޑައެޅިގެން ދޮގެކޭ. މިރަށުން ފުރުޞަތެއް ނުލިބުނީމަ ނިލަންދުއަށް މިދަނީ.” އާދަމް އިސްމާއިލް ވިދާޅުވި އެވެ.

އާދަމް އިސްމާއީލް ވަނީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ގިނަ އަދަދެއްގެ ކުދިންނަށް ޖިމްނާސްޓިކްގެ ހުނަރުތައް ދަސްކޮށްދީފައި އެވެ. މިގޮތުން ހދ. ނޮޅިވަރަމް އާއި ހދ. ކުމުންދޫގައި ވެސް ޖިމްނާސްޓިކް ދަސްކޮށްދިނުމުގައި އާދަމް ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި 1970 ގެ އަހަރު ތަކުގައި އަމީރު އަމީން ސްކޫލުގައި ވެސް ވަރަށް ގިނަ ދަރިވަރުންނަށް އެ ކުޅިވަރު ދަސްކޮށްދީފައިވާނެ ކަމަށާއި މިހާރު މިކުޅިވަރު ދަސްކޮށްދިނުމަށް ހުރަސް އެޅުމަކީ ގަބޫލު ކުރެވޭނެކަމެއް ނޫންކަމަށްވެސް އާދަމް ވިދާޅުވި އެވެ.

އާދަމް ވިދާޅުވި ގޮތުގައި ދުނިޔޭގައި އެންމެ އަގު ބޮޑު ކުޅިވަރަކީ ޖިމްނާސްޓިކެވެ. އަދި އެއީ ހަށިގަނޑަށް ކަސްރަތު ލިއްބައިދޭ ކުޅިވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖިމްނާސްޓިކުގެ އިތުރުން ކްރިކެޓާއި، ބެޑުމިންޓަނާއި ބޮކްސިން އާއި ހޮކީ އަދި ފުޓުބޯޅަ ފަދަ ކުޅިވަރުތަކުގައި އަރާ ހުންނެވި އާދަމް އިސްމާއީލަކީ ކުޅުދުއްފުށީގައި ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355