ރަށުފެންވަރުގެ ޤުރުއާން މުބާރާތް ހަފްތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އެކަށީގެންވާ ގޮތެއްގައި ތައްޔާރު ނުވެވޭ ކަމަށް ސްކޫލުތަކުން ބުނެފި އެވެ.
ގުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށްޓަކައި ބާއްވާ އަތޮޅު މުބާރާތުގައި ތަމްސީލުކުރާނެ ދަރިވަރުން ނެގުމަށްޓަކައި މިހަފްތާ ބަންދުގައި ރަށުފެންވަރުގެ ޤުރުއާން މުބާރާތް ބޭއްވޭއިރު އެކަށީގެންވާ މިންވަރަށް ތައްޔާރު ނުވެވޭކަމަށް ކުޅުދުއްފުށީގެ ސްކޫލުތަކުން ހާމަކުރެއެވެ.
މިގޮތުން އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވީ އަހަރު ފެށުމާއެކު މުބާރާތް އޮންނާނެކަން އެނގޭ ކަމަށާއި އެހެން ނަމަވެސް މުބާރާތް އޮންނަ ދުވަސް އެނގުނީ ވަރަށް ފަހުން ކަމަށެވެ. އަދި އެންމެ ޤުރުއާން ޓީޗަރެއް ހުރުމަކީ މުބާރާތަށް ކުދިން ތައްޔާރު ކުރުމުގައި ދިމާވާ ވަރަށް ބޮޑު ދައްޗެއްކަން ފާހަގަކުރެއްވިއެވެ. އާދަމް މޫސާ އިތުރަށް ވިދާޅުވީ ރަށުފެންވަރުގައި ބޭއްވޭ މުބާރާތް އަދިވެސް ލަސްކުރެވިއްޖެ ނަމަ މުބާރާތުގައި ވާދަކުރާ ކުދިންގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށެވެ.
ރަށުކައުންސިލުން މުބާރާތް އަވަސްކުރަނީ އަތޮޅު މުބާރާތް އަވަހަށް ބާއްވަން އަތޮޅު ކައުންސިލުން ވިސްނާތީ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ މި މުބާރާތް އަދި ލަސްކޮށްލިޔަސް ޤައުމީ މުބާރާތަށް އުނދަގުލެއް ނުވާނެ.”” އާދަމް މޫސާ ވިދާޅުވި އެވެ.
ޤުރުއާން މުބާރާތާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޖަލާލުއްދީން ސްކޫލުގެ ލީޑިން ޓީޗަރ ހަސަން ޞަބާހު ވިދާޅުވީ ވޭތުވެ ދިޔަ 2 އަހަރު ރަށުފެންވަރުގެ މުބާރާތުގައިވެސް އިނާމް ހުށައަޅާފައި ނުވާކަމަށާއި ކުދިންގެ އަގުވަޒަން ކުރުމަށް އިނާމް ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ޤުރުއާން ކިޔަވައިދޭނެ ޚާއްސަ ޓީޗަރެއް ނެތި އިސްލާމް މުދައްރިސުން ކުދިން ތައްޔާރުކުރުމުގައި މަސައްކަތް ކުރުމަށް އުނދަގޫތަކެއް ހުރިކަންވެސް ފާހަގަ ކުރެއްވި އެވެ.
މިކަމާއި ގުޅޭގޮތުން ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ވިދާޅުވީ މުބާރާތް ބާއްވާ ދުވަސް އެންގީ މާ ލަހުން ކަމަށާއި، ދަރިވަރުން ފަރިތަކުރަން ލިބިފައި ވަނީ ވަރަށް ކުޑަ ދުވަސްކޮޅެއް ކަމަށެވެ. އަދި ކުޅުދުއްފުއްޓަކީ ރާއްޖޭގެ ބައެއް ރަށްރަށާއި ޚިލާފަށް ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރަން ޖެހިފައިވާ ރަށެއްކަންވެސް ޒިޔާދު ފާހަގަ ކުރެއްވި އެވެ.
އިރުމަތި އަވަށު ޕްރީ ސްކޫލުގެ ސުޕަވައިޒަރ ޝަމީމާ ހުސައިން ވިދާޅުވީ އެސްކޫލުން މުބާރާތުގައި ބައިވެރިވާނީ 5 ކުދިން ކަމަށާއި، ކުދިންގެ އުމުރުފުރަ އާ އަޅާ ބަލާއިރު ކިޔަވަން ހަމަޖެހިފައިވާ ބައި ބޮޑު ކަމަށެވެ. އަދި ލިބިފައިވާ ކުޑަދުވަސްކޮޅުގެ ތެރޭގައި ކުދިން ރަނގަޅަށް ތައްޔާރު ކުރުމަކީ އުނދަގޫކަމެއް ކަމަށެވެ. އަމީރު އަމީން ސްކޫލުގެ އެޑްމިނިސްޓްރޭޓަރ އާއިޝަތުު މުހައްމަދުގެ ޚިޔާލުވެސް މިކަމުގައި ހުރީ މިގޮތަށެވެ. އައިޝަތު މުހައްމަދު ވިދާޅުވީ ޕްރީސްކޫލު ތަކުގެ ކުދިންނަކީ ވަރަށް ތުއްތު ކުދިންނަށް ވީއިރު މުބާރާތަކަށް ދަރިވަރުން ނެގުމަށްޓަކައި ވަރަށް ކުރިއާލާ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ޤުރުއާން މުބާރާތާ ބެހޭގޮތުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް ވިދާޅުވީ މިހަފްތާ ބަންދުގައި މުބާރާތް އޮންނާނެ ކަމަށާއި ކައުންސިލުން ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އަދި ޤައުމީ މުބާރާތުގައި މާލޭގެ ސްކޫލުތަކަށް އަމިއްލަ ނަމުގައި ބައިވެރި ވެވޭއިރު ރާއްޖެތެރޭގެ ސްކޫލުތަކުން އަތޮޅު ތަމްސީލު ކުރަން ޖެހުމަކީ ސްކޫލުތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.