twitterviber whatsapp telegramfacebookyoutube instagram
1st May 2024

ފަހަކަށް އައިސް ކުޅުދުއްފުށިން ކަރަންޓު ކަނޑައިގެންދަނީ ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދޭތީ

Feb 19, 2013

ކުޅުދުއްފުށީގައި ފަހަކަށް އައިސް މުޅި ރަށުން ކޮންމެ ދުވަހަކުހެން ކަރަންޓު ކަނޑައިގެންދަނީ މިހާރު ހުރި އިންޖީނުތަކުން ކުޅުދުއްފުއްޓަށް ބޭނުންވާ މިންވަރަށް ކަރަންޓު ނުއުފެއްދޭތީ ކަމަށް މި ނޫހަށް މައުލޫމާތު ލިބިއްޖެ އެވެ.

މި ނޫހަށް މައުލޫމާތު ދިން އޮފިޝަލަކު ނަން ހާމަނުކުރުމަށްއެދި ވިދާޅުވީ، ކުޅުދުއްފުށީގައި  މިހާރު ބޭނުންކުރަމުން އަންނަނީ 3 އިންޖީނެއް ކަމަށެވެ. އެއީ 600 ކިލޯ ވޯޓުގެ އިންޖީނަކާއި 800 ކިލޯ ވޯޓުގެ އިންޖީނެއްގެ އިތުރުން 1 މެގަވޯޓުގެ އިންޖީނެއް ކަމަށެވެ. އަދި ކުޅުދުއްފުއްޓަށް މިހާރު 1.8 މެގަވޯޓުގެ ކަރަންޓު ބޭނުންވާ ކަމަށް އެފަރާތުން މައުލޫމާތު ދެއްވިއެވެ. އެ މިންވަރަށް  ކަރަންޓު އުފެއްދުމަށްޓަކައި އަބަދުވެސް ބޮޑު އިންޖީނާއި ކުޑަ އިންޖީނެއް ޖައްސާފައި ބަހައްޓަންޖެހުމުން މައްސަލަތަކެއް ނުކުންނަކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

ކުޅުދުއްފުށި އޮންލައިންއަށް އެނގިފައިވާ ގޮތުގައި، ކުޅުދުއްފުށީ އިންޖީނުގެއަށް މިދިޔަ އަހަރުގެ ތެރޭގައި 1 މެގަވޯޓުގެ އިތުރު އިންޖީނެއް ގެންނަން ކުރިންވަނީ ނިންމާފައިއެވެ. އެހެންނަމަވެސް އަދިވެސް އެ އިންޖީނު ކުޅުދުއްފުއްޓަށް ގެނެވިފައެއްނުވެއެވެ. އަދި ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް 2012 ވަނަ އަހަރު ގެނައި ޓްރާންސްފޯމަރުތައް ވެސް އިންސްޓޯލްކޮށް ނުނިމޭކަމަށް މިނޫހަށް މައުލޫމާތު ލިބެއެވެ.

ކުޅުދުއްފުށިން ކުރިން އެންގުމަކާ ނުލާ ކުއްލިކުއްލިއަށް ކަރަންޓު ކަނޑާލާތީ، ބައެއް ގޭގޭގައިހުރި އިލެކްޓްރޯނިކް ވަސީލަތްތަކަށް ގެއްލުންވަމުން އަންނަކަމަށް ބުނެ ބައެއް ރައްޔިތުން އަންނަނީ ޝަކުވާކުރަމުންނެވެ. އަދި ކަރަންޓު ކަނޑައިގެންދާ ސަބަބު ރައްޔިތުންނަށް އަންގާފައިނުވާތީވެސް ބައެއް މީހުން އަންނަނީ ޝަކުވާ ކުރަމުންނެވެ.

ކަރަންޓު ކަނޑައިގެންދާ މައްސަލައިގައި ފެނަކަ ކުންފުނީގެ ރަސްމީ ބަހެއް ލިބޭގޮތްވަނީ ނުވެފައި އެވެ. އަދި ކުޅުދުއްފުށީ އިންޖީނުގެއިންވެސް ކަރަންޓު ކަނޑާލާ މައްސަލައިގައި މި ނޫހަށް މައުލޫމާތު ފޯރުކޮށްދީފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355