twitterviber whatsapp telegramfacebookyoutube instagram
1st May 2024

މަސައްކަތުގެ މާހައުލު އުފެއްދުންތެރި ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން މަސައްކަތް ކުރަނީ

Feb 20, 2013

ސިވިލް ސާރވިސްގެ މުވައްޒަފުން އޮފީސްތަކުގައި މަސައްކަތް ކުރާއިރު، މަސައްކަތުގެ މާހައުލަކީ އުފެއްދުންތެރި މާހައުލަކަށް ހެދުމަށްޓަކައި ސިވިލް ސާރވިސް ކޮމިޝަނުން ހާއްސަ ޕްރޮގްރާމްތަކެއް ފަށައިފި އެވެ.

މިގޮތުން “ކްރިއޭޓިންގ އަ ޕޮޒިޓިވް ވޯކިންގ ކަލްޗަރ” ގެ ނަމުގައި ހދ. އަތޮޅު ކައުންސިލްއާ ގުޅިގެން ހދ. އަތޮޅުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން އިއްޔެ ވަނީ ކުޅުދުއްފުށީ ގައި ވޯކްޝޮޕެއް ފަށާފަ އެވެ.

އެކޮމިޝަނުން މަޢުލޫމާތު ދޭގޮތުގައި މިއީ ޒިންމާދާރު ކަމާއެކު، އުފެއްދުންތެރި ގޮތެއްގައި މަސައްކަތްކުރުމުގެ މާހައުލެއް ޤާއިމްކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

މިގޮތުން ވަޒީފާގެ މައިދާނުގައި ދިމާވާ ކޮންފްލިކްޓްސް އާއި ކޮންފްލިކްޓްސް ހައްލުކުރާނެ ގޮތްތަކާއި، މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތަކާއި، ގްރޫޕްތަކުގެ މެދުގައި ޖެހޭ މައްސަލަތަކާއި، އެ މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި، ކޮންޕްލިކްޓް އެންވަޔަރުމަންޓް މެނޭޖްކުރާނެ ގޮތްތަކާއި، ތަރައްޤީކުރަން ޖެހޭ ސްކިލްތައް އަދި އެނަލައިޒްކުރާނެ ގޮތްތައް ކިޔައިދެވޭނެކަމަށް އެކޮމިޝަނުން ބުނެ އެވެ.

ކުރީގެ މަތިއުތުރު ޤައުމީ އިދާރާގެ ޖަލްސާކުރާ މާލަމްގައި 3 ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި އިއްޔެ މެންދުރުކުރީގެ ސެޝަން އަމާޒުކޮށްފައިވަނީ ހދ.އަތޮޅު ރަށްރަށުގެ ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސާރވިސްގެ މުވައްޒަފުންނަށެވެ. މިގޮތުން ހިރިމަރަދޫ ފިޔަވައި ކޮންމެ ރަށެއްގެ ކައުންސިލުން އެންމެ އިސް ދެ ސިވިލް ސާރވިސް މުވައްޒަމުން މި ވޯކްޝޮޕްގައި ވަނީ ބައިވެރިވެފަ އެވެ.

ކުޅުދުއްފުށީ އޮފީސްތަކުގެ ސިވިލް ސާރވިސް މުވައްޒަފުންގެ ތެރެއިން ޖީއެސް ލެވްލް 3 އިން ދަށުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ސެޝަންތައް ކުރިއަށް ގެންދިޔައީ އިއްޔެ މެންދުރު ފަހު އެވެ. މި ވޯކްޝޮޕްގެ އެންމެ ފަހު ގްރޫޕްކަމަށްވާ ކުޅުދުއްފުށީގައި މަސައްކަތްކުރާ ސިވިލް ސާރވިސްގެ އެންމެ އިސް މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބާއްވާ ސެޝަން މިއަދު ވަނީ ބާއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355