މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ކުޅުދުއްފުށިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ކުޅުދުއްފުށި އޮންލައިން އަށް އެނގިފައިވާ ގޮތުގައި އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ކުޅުދުއްފުށީ ބޮޑުރުއްދޮށުގެ އިސްމާއީލް އަހުސަން (އައްބެ) އާއި ކުޅުދުއްފުށީ ހީނާމާގެ އަމްޖަދު މުހައްމަދު އެވެ.
ފުލުހުންގެ މީޑިޔާއިން މައުލޫމާތު ދޭ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ. އެހެންނަމަވެސް އެމީހުންނާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން އުމުރުން 24 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި، މިއަދު ހެނދުނު މާލެއިން ކުޅުދުއްފުއްޓަށް އައި ބޯޓަކަށް އެއްޗެއް ބަލައި ގޮސް ހުއްޓާ ކަމަށެވެ. އަދި 23 އަހަރުގެ މީހާ ހައްޔަރުކުރީ މިއަދު މެންދުރުފަހު ކޯޓު އަމުރެއްގެ ދަށުން އެމީހާގެ ގެއިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ދެމީހުންގެ ތެރެއިން 24 އަހަރުގެ މީހާ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒްގެ 3 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައި ވެއެވެ. އަދި މިމައްސަލައިގައި ދެވަނަ އަށް ހައްޔަރުކުރި މީހާ ދިރިއުޅެމުންދާ ގެ ބަލާ ފާސްކުރިއިރު އެެގޭގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒްގެ 4 ރަބަރު ޕެކެޓާއި އަދި 47 ކުދި ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އޭގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 17 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއްގެ އިތުރުން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ 100 ރަބަރު ޕެކެޓް ވެސް އެގޭގެތެރެއިން ފުލުހުންނަށް ވަނީ ފެނިފައި އެވެ.
މީގެ އިތުރުންވެސް އުމުރުން 23 އަހަރުގެ މީހާގެ އަތުން 22000 އަށް ވުރެ ގިނަ ރުފިޔާއާއި 100 ޔޫ.އެސް ޑޮލަރު ފެނިފައިވާއިރު މީނާ ދިރިއުޅެމުންދާ ކޮޓަރި ބަލައިފާސްކުރިއިރު 2 ލެޕްޓޮޕަކާއި 7 މޯބައިލް ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި މިމައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަށް ވެސް މިހާރު ވަނީ ކޯޓަށް ގެންގޮސް ބަންދުގެ މުއްދަތު ޖަހާފައި އެވެ. އެގޮތުން މީގެ ތެރެއިން އަހުސަންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވާއިރު އަމްޖަދު 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ ހުއްދަ ދީފައި އެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.