twitterviber whatsapp telegramfacebookyoutube instagram
1st May 2024

ރައީސް ނަޝީދުގެ ހިމާޔަތުގައި އެމްޑީޕީން ކުޅުދުއްފުށީގައި މުޒާހަރާކޮށްފި

Feb 22, 2013

ރައީސް ނަޝީދުގެ ހިމާޔަތުގައި ކަމަށް ބުނެ އެމްޑީޕީން މާލޭގައި ކުރަމުން އަންނަ މުޒާހަރާގައި ބައިވެރިވުމުގެ ގޮތުން މިރޭ ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި މުޒާހަރާކޮށްފި އެވެ.

މިރޭ ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި ކުރި މުޒާހަރާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބު ރައީސް އަލީ މުހައްމަދު ވިދާޅުވީ، ކުޅުދުއްފުށީ ރައްޔިތުން ތިބީ ރައީސް ނަޝީދާއެކު ކަމަށެވެ. އަދި މިހާރުވެސް މިނިވަން އިންތިހާބެއް ބާއްވައިފިނަމަ ކުޅުދުއްފުށީގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީއަށް ލިބޭނެކަމަށް އަލީ ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ކުޅުދުއްފުށީ ގައި ކުރިއަށްގެން ދިޔަ ހިނގާލުމުގައި ސަރުކާރުގެ ވެރިންނަން ވަރަށް ބޮޑަށް ފާޑު ކިޔާފައިވާއިރު ރައީސް ވަހީދު ދަންޖެއްސުމަށް ވެސް ގޮވާފައިވެއެވެ. އަދި މިހާރު ކުޅުދުއްފުށީގެ ހޮސްޕިޓަލް ހިދުމަތްތައް ބޮއްސުންލާފައިވާއިރު، މީގެ ކުރިން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހިދުމަތައް ގޯސް ވެގެން މުޒާހަރާ ކުރި ފަރާތްތައް ކޮބައިތޯ ސުވާލުކޮށްފައިވެއެވެ.

މިހިނގާލުން ކުރިއަށް ދިޔައިރު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ކުރިމަތީ މަގުތައް ވަނީ ބެރިކޭޑް ޖަހާ ބަންދު ކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ޕޮލިސް ސްޓޭޝަން ކައިރިން ދިޔައިރު ފުލުހުންނާއި ދިމާ އަށް “ބާޣީ” ގޮވާ ހަޅޭލަވާފައި ވެއެވެ. އަދި ޕޮލިސް ސްޓޭޝަން ކަރިން މުޒާހަރާގެ ބައިވެރިން ދިޔަ ވަގުތު އާދައިގެ ހެދުމުގައި ހުރި ފުލުހަކު ވަނީ މުޒާހަރާގެ ބައިވެރިން ހޫނު ކުރުމަށްޓަކައި ބެރިކޭޑްތަކުގެ ބޭރަށް ނުކުމެ އެމްޑީޕީގެ ސަޕޯޓަރުންނާއި ދިމާލަށް އެއްޗެހި ގޮވާފަކަން ފާހަގަ ކުރެވެއެވެ. އަދި އޭގެ އިތުރަށް “ބަގުޑި” ފިހާރަ ކައިރީގައި ތިބި ސަރުކާރަށް ތާއީދުކުރާ ބަޔަކުވެސް، އެ ސަރަހައްދުން މުޒާހަރާގެ ބައިވެރިންދިޔަ ވަގުތު ހަޅޭލަވާފައި ވެއެވެ.  އެހެންނަމަވެސް މިރޭގެ މުޒާހަރާގައި އިތުރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.

100 އެއްހާ މީހުން ބައިވެރިވި މި ސުލްހަވެރި ހިނގާލުމުގައި ރަށުކައުންސިލްގެ ނައިބު ރައީސާއި އަތޮޅު ކައުންސިލްގެ ނައިބު ރައީސް ގެ އިތުރުން އެޕާޓީގެ އިސް އެކްޓިވިސްޓުން ވަނީ ބައިވެރިވެފައި އެވެ.

މިރޭ މިފެށި ސުލުހަވެރި މުޒާހަރާ އަކީ ފެށުމެއް ކަމަށާއި އަންނަ ހުކުރު ދުވަހުގެ ރޭ ވެސް މިކަހަލަ ހިނގާލުމެއް އޮންނާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރައްވާ ދައުވާގެ ޝަރީއަތަށް ވަޑައިނުގެން އިންޑިޔާގެ ހައި ކޮމިޝަނުގައި ހުންނަވާތާ މިއަދު މިއީ 10 ވަނަ ދުވަހެވެ. ނަޝީދުގެ ހިމާޔަތުގައި ކަމަށްބުނެ މާލޭގައި ކޮންމެ ރެއަކުންވެސް އަންނަނީ ބޮޑެތި މުޒާހަރާތަކެއް ބާއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355