ކުޅުދުއްފުށީ އިންޖީނުގޭގެ އިންޖީނުތައް އަޕްގްރޭޑް ނުކުރެވިއްޖެނަމަ ކުޅުދުއްފުށީ ރައްޔިތުން މިއަންނަ ރަމަޟާން މަހު ތިބެން ޖެހޭނީ ކަނު އަނދިރީގައިކަމަށް އެމްޑީޕީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބު ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅު ކައުންސިލްގެ ވެސް މެމްބަރު އަލީ މުޙައްމަދު މިހެން ވިދާޅުވީ ރައީސް ނަޝީދުގެ ހިމާޔަތުގައި މާލޭގައި މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ބައިވެރިވުމުގެ ގޮތުން ރޭ ކުޅުދުއްފުށީގައި އެމްޑީޕީ އިން ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުންނެވެ. މުޒާހަރާގައި އަލީ މުޙައްމަދު ވަނީ ކުޅުދުއްފުއްޓަށް ކަރަންޓް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމަށް ކުޅުދުއްފުށީގެ އިންޖީނުގެ ނުކުޅެދިފައި ވުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
“މިއަންނަ ރަމަޟާން މަހަށް އިންޖީނުތައް އަޕްގުރޭޑް ނުކުރެއްވިއްޖެ ނަމަ ކުޅޫދުއްފުށީގެ ލޮބުވެތި ރައްޔިތުން ތިބެން ޖެހޭނީ ކަނު އަދިރީގަ. އެހެންވީމަ އަޅުގަނޑު މި ގޮވާލަނީ މީއީ ބާޢީ ސަރުކާރެކޭ. އޭގެ ކުރިން މިސަރުކާރު ވައްޓާލާށޭ.” ޢަލީ ވިދާޅުވި އެވެ.
އަލީ މުޙައްމަދު މިހެން ވިދާޅުމިވީ، ފަހަކަށް އައިސް ކުރިން އެންގުމަކާ ނުލާ ދޭތެރެ ދޭތެރެއިން ކުޅުދުއްފުށިން ކަރަންޓް ކެނޑި، ކަރަންޓު މަޑުވެ ރައްޔިތުންގެ ވަރަށް ގިނަ އިލެކްޓްރޯނިކްސް ސާމާނުތަކަކަށް ގެއްލުން ވަމުންދާ ދުވަސްވަރެއްގައެވެ.
ކުޅުދުއްފުށީ އޮންލައިން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށީގައި ކަރަންޓްގެ ކޮންސަމްޕްޝަން 1.8 މެގަވޯޓަށް އަރައެވެ.
ރޭގެ މުޒާހަރާގައި އެމްޑީޕީ އިން ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު ދަށްވަމުންދާ ކަމަށް ބުނެވެސް އަޑުއުފުލާފަ އެވެ.