ހުސްވި 2012 ވަނަ އަހަރު 132 ކައިވެނި ކުރެވި 62 ވަރި ސާބިތުވެފައިވާ ކަމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.
މިދިޔަ އަހަރުގެ ރިޕޯޓު ދައްކާ ގޮތުން މިދިޔަ އަހަރު އެކޯޓުގައި 132 ކައިވެންޏެއް ކޮށްދީފައި ވެއެވެ. ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރަށް ވުރެ އޭގެ ކުރީ އަހަރު ކުޅުދުއްފުށީގައި ކުރި ކައިވެނީގެ އަދަދު އިތުރެވެ. އެގޮތުން 2011 ވަނަ އަހަރު 147 ކައިވެންޏެއް ކުޅުދުއްފުށީގައި ކޮށްފައި ވެއެވެ.
މިދިޔަ އަހަރު ސާބިތު ކުރެވުނު 62 ވަރީގެ ތެރޭގައި ޤާނޫނާއި ޚިލާފަށް ކުރެވިފައިވާ 30 ވަރި ސާބިތުވެފައިވެއެވެ. އަދި ކުރެވުނު ކައިވެނި ތަކުގެ ތެރެއިން 1 ކައިވެނި ބާތިލް ކުރެވިފައިވާކަމަށް ވެސް މި ރިޕޯޓުގައި ވެއެވެ.
މިދިޔަ އަހަރު ކުޅުދުއްފުށީ ކޯޓުގައި 62 ވަރި ސާބިތުކޮށްފައިވާއިރު 2011 ވަނަ އަހަރު 65 ވަރިއެއް ސާބިތުކޮށްފައި ވެއެވެ. ހުސްވި އަހަރު ކުޅުދުއްފުށީ ކޯޓުގައި ސާބިތު ކުރި ވަރީގެ ތެރޭގައި ޤާނޫނާއި ޚިލާފަށް ކުރި 35 ވަރި ސާބިތުކޮށްފައި ވެއެވެ.
ވަރި ކައިވެނީގެ ތަފާސް ހިސާބަށް ބަލާއިރު، 2012 ވަނަ އަހަރު ކުރި ކައިވެނިތަކުގެ ތެރެއިން 4 ކައިވެންޏެއް ހަމަ އެ އަހަރުގެ ތެރޭގައި ރޫޅިފައި ވެއެވެ. އަދި 2011 ވަނަ އަހަރު ކުރި 3 ކައިވެންޏެއް މިދިޔަ އަހަރުގެ ތެރޭގައި ރޫޅިފައި ވެއެވެ.
ރާއްޖޭގައި ވަރިކުރާ ނިސްބަތް މިސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު އުޅޭނީ ވަރަށް މަތީގައި އެވެ. އަދި އާބާދީގެ ނިސްބަތުން ވަރި އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.