ކުޅުދުއްފުށި ތަރައްގީ ކުރުމަށްޓަކައި ރައްޔިތުން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި މިއީ “ބޮޑުތިލަދުންމައްޗޭ ނުވަތަ ކުޅުދުއްފުއްޓޭ” ބުނެ ތިބެގެން ތަރައްގީ ނުވާނެކަމަށް އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޓީމުން ބުނެފި އެވެ.
ރޭ ކުޅުދުއްފުށީގައި އެމްޑީޕީ ” ދޭތިން ފަހެތި ” ކެމްޕޭނު ގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ ކުޅުދުއްފުށި ތަރައްގީ ކުރެވޭނީ ރައްޔިތުން އެގަތިގަނޑަކަށް ވެގެންކަމަށާއި ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުން ސުލްހަވެރިކަމާއެކު ރަށުގެ ތަރައްގީ އަށް މަސައްކަތް ކޮށްގެން ކަމަށެވެ. އަދި މިއީ ބޮޑުތިލަދުންމަތިކަމަށާއި ކުޅުދުއްފުށި ކަމަށްބުނެ މަޑުން ތިބެގެން ކަމެއް ވާން ނެތްކަމަށް ވިދާޅުވި އެވެ. މިގޮތުން އަލީ ވަހީދު ވަނީ ދާދިފަހުން ނ އަތޮޅު މާފަރުގައި އެއާޕޯޓް ހެދުމުގެ މަސައްކަތް ލަސްވެގެން އަމަލުކުރި ގޮތުގެ މިސާލު ނަންގަވާފައެވެ.
މެމްބަރު އަލީ ވަހީދު ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުން މިއަދު ވިސްނާ ބަލަންވީ، މިއަހަރުގެ ކުރީ ކޮޅުގައި ނ މާފަރު ރައްޔިތުން ހިންގި ސިޔާސީ ހަރަކާތްތަކަށް ކަމަށެވެ. އެރަށުގައި އެއަރޕޯޓެއް ނޭޅި އެމަސައްކަތް ހުއްޓުން އަރައިގެން އެކަން ކުރުމަށްޓަކައި އެރަށުގައި ހިމެނޭ އެންމެހާ ސިޔާސީ ޕާޓީ ތަކުގެ އިސްވެރިން އެކައްޗެއް ކިޔައިގެން ކުރި ބުރަ މަސަކަތުން މިއަދު އެމީހުންނަން އެކަން ކާމިޔަބު ވެފައިވާކަން އަލީ ވަހީދު ފާހަގަ ކުރެއްވި އެވެ.
“މިރަށް ތަރައްގީ ކުރެވޭނީ މިރަށުގެ ހުރިހާ ރައްޔިތުން އެކުގަ މަސައްކަތް ކޮށްގެން. ކުޅުދުއްފުށީ ރައްޔިތުން ސިޔާސީ ހަރަކާތް ފަށަން ޖެހޭނީ. މާފަރު ރަައްޔިތުން އެރަށުގެ އެއަޕޯޓުގެ މަސައްކަތް ލަސްވަމުން ދާތީ އެރަށުގެ ރައްޔިތުން ވަކި ޕާޓީ އަކަށް ބެލުމެއް ނެތި ކުރި ބުރަ މަސައްކަތުން އެކަން މިއަދު އެވަނީ ކާމިޔާބު ކޮށްފަ. މާދަމާ އަކީ އެރަށުގާ އަޅަށް ހަމަޖެހިފައިވާ އެއަރޕޯޓުގެ އަމަލީ މަސައްކަތް ހަވާލު ކުރާ ދުވަސް. މިއީ ބޮޑުތިލަދުންމައްޗޭ، ކުޅުދުއްފުއްޓޭ ކިޔާފާ ތިއްބަކަސް ނުވާނެ.” އަލީ ވަހީދު ވިދާޅުވި އެވެ.
ކުޅުދުއްފުށި ބަންޑާރަ މައިދާނުގައި ބޭއްވި މި ޖަލްސާ ގައި ކުޅުދުއްފުށީ ކައުންސިލްގެ ރައިސް އާއިރަށު ކައުންސިލްގެ މެމްބަރު ޖަމްޝީދު އާއި ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއން ރަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ. ގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބުދުލް ގަފޫރު މޫސާ ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
ރޭގެ ޖަލްސާގައި ވަނީ 400 އަށް ވުރެ ގިނަ ރައްޔިރުން ބައިވެރިވެފައެވެ. އަދި ސަރަހައްދުގެ ބައެއް ރަށްރަށުން ވެސް މީހުން އައިސްފައިވެއެވެ.