މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހު ރިޔާސީ ބަޔާން އިއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މަޖިލީހަށް ވެންނެވުމުގެ ފުރުޞަތު ދެއްވާނެ ކަމަށާއި އެހެންނަމަވެސް މަޖިލީހަށް ވެންނެވުމަށްފަހު ދެން އެތަނުގެ ތެރޭގައި ވާނެގޮތެއް ބުނަން ނޭގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ ރޭ ކުޅުދުއްފުށީގައި އެމްޑީޕީން ބޭއްވި “ދޭތިން ފަހެތި” ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ނައިބު ރައީސްކަންވެސް ކުރައްވާ އަލީ ވަހީދު ވިދާޅުވީ ޕޮލިސް ކޮމިޝަނަރ އަބުދުﷲ ރިޔާޒު އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށާއި މަޖިލީހުގެ ކޮމެޓީ އަށް ޕޮލިސް ކޮމިޝަނަރު ނައިސް އެއުޅެނީ އަލީ ވަހީދުގެ ފޯނުކޯލު ތައް އަޑުއަހާފައި ކަމަށެވެ. އަދި އެއީ އަބުދުﷲ ރިޔާޒު އައްޔަނު ކުރީ ގާނޫނާ ހިލާފަށްކަމުގެ ސައްހަ މައުލޫމާތު އެމްޑީޕީގެ އަތުގައި ހުރީމާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ބަންޑާރަ މައިދާނުގައި ބޭއްވި މި ޖަލްސާ ގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސްއާއި ރަށު ކައުންސިލްގެ މެމްބަރު ޖަމްޝީދު އާއި ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ރަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބުދުލް ޣަފޫރު މޫސާ ވެސް އެޖަލްސާގައި ވާހަކަދައްކަވާފައި ވެއެވެ.
މި ޖަލްސާގައި އެމްޑީޕީއަށް ތާއީދުކުރާ 400 އަށް ވުރެ ގިނަ ރައްޔިރުން ބައިވެރިވެފައި ވެއެވެ.