ކުޅުދުއްފުއްޓަކީ އާބާދީގެ ގޮތުން ބޮޑު ރަށެއްކަމުގައި ވިޔަސް ފަހަކަށް އައިސް ރަށުގެ ރައްޔިތުން މޫދަށްއެރިލާ، މަޖާކޮށްލާނެ ވަކި ހާއްސަ ތަނެއް ނުހުރެއެވެ. ކުޅުދުއްފުށީގެ ގިނަ މީހުން މޫދަށް އެރި އުޅުމަށާއި ބީޗްގައި ކުޅެލުމަށްޓަކައި ދާން ޖެހެނީ ބޮޑު ޚަރަދެއްކޮށްފައި ކައިރި ކޮންމެވެސް ރަށަކަށެވެ. އެހެން ނަމަވެސް ދާދި ފަހުން ކުޅުދުއެްފުށީގެ ފަޅު ހިއްކުމާއި ގުޅިގެން ކުޅުދުއްފުށީގެ ރައްޔިތުންނަށް ވަނީ ރީތި ތުނޑިއެއްފަދަ ތަނެއް ލިބިފައެވެ. ތަރައްގީގެ ޕްލޭންތަކަކާއެކު ހިއްކާފައިވާ ބިން އަދި ބޭނުން ކުރެވެމުންދަނީ މީހުން މުނިފޫހިފިލުވާލާ ތަަނެއްގެ ގޮތުގައެވެ. ދަރިފުޅު ނުވަތަ އަންހެނުން ގޮވައިގެން ހިނގާލަން ނުވަތަ މޫދަށް އެރިލުމަށް ހިއްކި ސަރަހައްދަށް ދިއުމަކީ އާއްމު ކަމެކެވެ. އަދި ހިއްކި ބިމުގެ ސަބަބުން ރީތި މޫދެއް ވަނީ އެސަރަހައްދުގައި އުފެދިފައެވެ. ރަށުގެ ގިނަބަޔަކު މިކަމާއި ގުޅިގެން އަވަސްވެގަތީ އާއިލާއާއި ރަހުމަތްތެރިންނާއި އެކު މޫދަށް އެރި ގޮނޑުދޮށްތަކުގައި ކުޅެލުމަށެވެ. މިގޮތުން މީހުން އެންމެ ގިނައިން މޫދަށް އެރޭ ސަރަހައްދެއްކަމަށް ބެލެވިފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާއި ދިމާލެވެ.
އެސަރަހައްދުގައި ކުނި އަޅާނެ ވަކި ޚާއްސަ އެއްޗެއް ނެތުމުން މޫދާއި އެސަރަހައްދު ބޭނުންކުރާ ގިނަ ފަރާތްތަކުން އެމީހުން ބޭނުންކުރާ ދަޅާއި ފުޅިއާއި ޕްލާސްޓިކުތަށި އަދި ނެޕީފަދަ ތަކެތި އެތަން މިތަނަށް އުކާލެވިފައި ހުންނަތަން ފެނެއެވެ. މިކަމަކީ ތިމާވެށީގެ ގޮތުންނާއި ސިއްހީ ގޮތުން ބެލިކަމުގައި ވިޔަސް ނުރަނގަޅު އާދައެކެވެ. އަދި ސްކޫލުކުދިން ފަތަން ދަސްކުރަން ދާ ސަރަހައްދަކަށް ވުމާއެކު ސަރަހައްދު ރީތިކޮށް ބޭއްވުމަކީ މުހިއްމު ކަމެކެވެ. ނަމަވެސް އެންމެންވެސް ކުނިއަޅަނީ އަޅާނެ ތަނަކަށެވެ.
އެހެން ނަމަވެސް އިއްޔެއަކީ އެސަރަހައްދު ބޭނުންކުރާ ފަރާތްތަކުގެ މޫނުމައްޗަށް ހިނިތުންވުން ގެނުވި ދުވަހަކެވެ. އެއީ އަމިއްލަ ފަރާތަކުން ކުނިއަޅާނެ ޑަސްބިނެއް އެސަރަހައްދުގައި ބެހެއްޓުމުންނެވެ. ކުޅުއްފުށީގައި އިލެކްޓްރޯނިކް ތަކެތި ވިއްކާ ފަރާތެއްކަމަށްވާ “ކުއަންޓަމް” ފިހާރައިގެ ފަރާތުން އިއްޔެ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާއި ދިމާ ހިއްކި ސަރަހައްދުގައި ވަނީ ކުނިއަޅާނެ ޑަސްބިނެއް ބަހައްޓާފައެވެ.
އެފަރާތުން މައުލޫމާތުދޭ ގޮތުގައި އެސަރަހައްދުން ކުނި އުކާލެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ޕިކަޕުގެ ޚިދުމަތްދޭ ފަރާތަކާ ދެމެދު މިހާރު ދަނީ ވާހަކަ ދެކެވެމުންނެވެ. އަދި ދާއިމީ ގޮތެއް އެތަން ސާފުތާހިރުކޮށް ބޭއްވުމަށް އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން ބޭނުންކަން ފާހަގަ ކުރިއެވެ.
މިކަމާ ގުޅިގެން އެސަރަހައްދަށް މޫދަށް އެރޭ ބައެއްފަރާތްތަކުން ބުނީ “މިއީ ވަރަށް ރަނގަޅު ކަމެއް، އަދި އަޅުގަނޑު ވަރަށް ގިނަދުވަސްވީ ހުވަފެނެއް ހަޤީގަތަކަށް މިވީ.ވަރަށް އުފާވޭ ފިހާރައެއް ހިންގާ ކުދިންކޮޅެއް މިކަހަލަ ކަމެއް ކޮށްލީތީ. މީ އަސްލު ވިޔަފާރިވެރިންނަކީ. އަޅުގަނޑު އުއްމީދުކުރަން މިރަށުގެ ގިނަ ވިޔަފާރިވެރިން މިކަހަލަ ކަންކަމުގައި އިސްނަގައިގެން މަސައްކަތްކުރާނެކަމަށް” ށެވެ.
މިއީ ކުޅުދުއްފުށީގައި މިކަހަލަގޮތަކަށް އަމިއްލަ ފަރާތަކުން ޑަސްބިނެއް ބެހެއްޓި ފުރަތަމަ ފަހަރެވެ. ވިޔަފާރިކުރާ ފަރާތްތަކުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން މިފަދަ ކަންކަން ރާވައި ހިންގުމަކީ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނުވައިދޭނެ ކަންކަމެވެ. އިއްޔެ ބެހެއްޓުނު ޑަސްޓްބިންއަކީ ފެށުމެއް ކަމަށް ބަލަމާ ހިނގާށެވެ.