twitterviber whatsapp telegramfacebookyoutube instagram
28th April 2024

ނޯޓްފޮތް – އުތުރުގެ ހިތުގައި ބައިޕާސް ހެދުން އާއްމުވަނީ؟

Mar 5, 2013

ނޯޓްފޮތް

އަހަރެންނަކީ ސިއްހީދާއިރާގެ މީހެއްނޫނެވެ. އަހަރެންގެ އަތުގައި މިކަމާއިގުޅޭ ތަފާސްހިސާބެއް ނުމެނެތްމެއެވެ. ވީމާ، އަހަރެންނަށް ދެންނެވެން އޮތީ އަހަރެންގެ ޝުޢޫރު މިފާޅުކުރަނީ އަހަރެންނަށް ފެނިދެނި ވެފައިވާ މަންޒަރުތަކާއި، އިތުބާރުހުރި ފަރާތްތަކުން ދީފައިވާ މައުލޫމާތުތަކުގެ މައްޗަށް ކަމަށެވެ.

ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުންނަމަ، ރާއްޖޭގައި އަންނަނީ ހިތުގެ ބަލި އާންމު ވަމުންނެވެ. މީގެ ދިހަ އަހަރުކުރިން، މާރޗް 2003 ގައި ހަވީރު ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ހާޓްއެޓޭކް ޖެހިގެން ހަފުތާއަކު ހަތަރު ފަސް މީހުން ހޮސްޕިޓަލަށް ގެނެވެ އެވެ. އޭގެ 15 ވަރަކަށް އަހަރު ކުރިއާ އަޅާ ބަލާއިރު ހާޓްއެޓޭކް ޖެހިގެން އެވްރެޖް ގޮތެއްގައި މަހަކު މީހަކު ވެސް އެޑްމިޓްކޮށްފައި ނުވާކަމަށް ހެލްތު މިނިސްޓްރީއާ ހަވާލާދީ ނޫހުގައި ރިޕޯޓް ކޮށްފައި ވެއެވެ. ހާޓް އެޓޭކް ޖެހިގެން ފަރުވާ ހޯދާ މީހުން މާލެއެކޭ އެއްގޮތަށް އަތޮޅު ތެރޭގައި ވެސް ދަނީ ގިނަވަމުން ކަމަށް މިދެންނެވި ޚަބަރުގައި ރިޕޯޓް ކޮށްފައި ވެއެވެ.

ވޭތުވެދިޔަ ދެ އަހަރުތެރޭ އަހަރެން ދަންނަ، ކުޅުދުއްފުށީގެ ބާރަ މީހުން ހިތުގެ ބައްޔަށް ފަރުވާކޮށް އޮޕަރޭޝަން ކޮށްފައި ވެއެވެ. ތިން މީހަކު ހިތުގެ ބަލީގައި ނިޔާވެފައި ވެއެވެ. މިއީ އަހަރެން ދަންނަ، ފަރިތަ މީހުންނެވެ. އިހަށްދުވަހު މަހަށް ގޮސް އުޅެނިކޮށް ބަލިވެގެންގެނައި މީހާވެސް ވަނީ އަހަރެއް ކުރިން ހިތުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އަހަރެން އޭނާ ނުދަންނަމެވެ.

ކުޅުދުއްފުށީގައި ހިތުގެ ބަލީގެ ހާލަތު އޮތްގޮތުގެ ތަފާސްހިސާބެއް ނަގާފައިވާ ކަމެއް ނޭނގެ އެވެ. އެނގޭކަމަކީ ދެ އަހަރުތެރޭ ބާރަ މީހުން ހިތުގެ ބައްޔަށް ފަރުވާކޮށް އޮޕަރޭޝަން ކުރުމަކީ ހަތްހާހެއްހާ މީހުންގެ އާބާދީއެއްގައި މި މައްސަލައިގެ ސީރިޔަސްކަން އޮތް މިންވަރު ސާފުކޮށް އަންގައިދޭ ކަމެއްކަމެވެ.

މީގެ ދެ އަހަރެއްވަރު ކުރިން ކޮންމެވެސް ސާވޭއެއްކުރަން އުތުރުގައި އުޅުނު ރައްޓެއްސަކާ ދިމާވި އެވެ. ސުފުރާމަތީ ގައި ސައިބޯން ތިބެގެން ދެކެވުނު ވާހަކަޔަކުން އެނގުނީ، ލޭމައްޗަށް ދިޔުމާއި، ހަކުރުބައްޔަކީ އަހަރެމެންގެ ތެރޭގައި އާންމުކަމެއްކަމެވެ. އޭނާގެ ސާވޭގެ ނަތީޖާދެއްކީ އެގޮތަށެވެ.

ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވާގޮތުގައި ހިތުގެ ބައްޔާއި ލޭމައްޗަށް ދިޔުމާއި، ހަކުރުބައްޔަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިހުރި ބަލިބައްޔެވެ. ރަނގަޅު ކާނާ އާއި ކަސްރަތާއެކު އޭގެއިން ސަލާމަތްވެވިދާނެ ބަލިބައްޔެވެ.

ކުޅުދުއްފުއްޓަކީ އުތުރުގެ ހިތްކަމަށް އަހަރެމެން އެބަ ކިޔަމެވެ. ވިޔަފާރި މަރުކަޒެއްކަމަށް އެބަ ދައުވާކުރަމެވެ. ނަމަވެސް އުތުރުގެ ހިތުގައި ސަރުބީޖަހައި ލޭހޮޅިތައްބެދި، ބައިޕާސް ހަދަން ޖެހުމުން އުތުރު އޮންނާނީ ލޮޑުކޮށެވެ. ވިޔަފާރި މަރުކަޒުގައި އުޅޭ ނަފާވެރިންނަކީ ލޭމައްޗަށް ދިޔުމާއި، ހަކުރުބަލީގެ ޝިކާރަޔަށްވީމާ، ވިޔަފާރިން ނެރެވޭ ނަފާ ޚަރަދުވާނީ އިންސިއުލިން އަށާއި ތިންއިރުކާންޖެހޭ ގުޅަބޭހަށެވެ.

ކުޅުދުއްފުށި ޙަޟޯރަތެއްގެ ގޮތުގައި ކުރިއަށްދާންބޭނުންނަމަ، ކުޅުދުއްފުށީގެ ސިއްހީ ޙާލަތު ދެނެގަނެ ފަރުވާކުރަންޖެހެވެ. ހުރިހާ އުމުރު ފުރައެއްގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާގޮތަށް ބަދަލުކުރުމުގެ މަސައްކަތް ލަސްނުކޮށް ފަށަންޖެހެއެވެ. އެ މަސައްކަތުގައި އިސްނަގާނީ ކޮންބައެއް ހެއްޔެވެ؟

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355