ކުޅުދުއްފުށީގެ ރަސްމީ ބޯޅަދަނޑުގެ މަރާމާތުގެ މަސައްކަތް ނިންމާ އަލުން ބޭނުން ކުރަން ފަށައިފި އެވެ.
މިކަމާއި ގުޅޭގޮތުން ކުޅުުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްވަމުން ދަނޑުމަރާމާތު ކުރުމުގެ މަސައްކަތަށް އިސްނެގި ކުޅުދުއްފުށީ ޒިގްޒެގް ފޮރ އޯލް ޔޫތު ލިންކޭޖް ޖަމިއްޔާގެ ސެކެޓްރީ އަހުމަދު އަބްދުﷲ ވިދާޅުވީ ދަނޑު މަރާމާތުގެ ގޮތުން ފުރަތަމަ ކުރިއަށް ގެންދިޔައީ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ކަމަށާއި އޭގެ ފަހުން ވިނަ ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ދަނޑަށް ފެން ޖެހޭނެ އިންތިޒާމެއް ޤާއިމް ކުރުމުގެގޮތުން ފެންމޯޓަރު ހަރުކޮށް ދަނޑަށް ކަރަންޓުލާފައިވާނޭ ކަންވެސް އަހުމަދު ފާހަގަ ކުރެއްވިއެވެ. އަދި ދަނޑުގެ ވަށާފާރު ވެސް މަރަމާތުކޮށްފައި ވެއެވެ.
ދަނޑުގެ މަސައްކަތް ކުރުމުގައި ކުޅުދުއްފުށީ ކައުންސިލާއި ދަނޑުގެ ބޭނުންކުރާ ޒުވާނުންނާއި ރަށުގެ ރައްޔިތުންގެ އެއްބާރުލުން ލިބިފައިވާކަމަށް އަހުމަދު ވިދާޅުވިއެވެ.
ދަނޑުގެ މަސައްކަތް ނިންމާ ހުޅުވުމުގެ ގޮތުން އިއްޔެ ވަނިީ އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއްވެސް ކުޅެފައެވެ. ކައިވެނި ކޮށްގެން އުޅޭ ޒުވާނުންގެ ޓީމަކާއި ކައިވެނި ނުކުރާ ޒުވާނުންގެ ޓީމާ ދެމެދު ކުޅެވުނު މި މެޗް 5 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްފާ ވަނީ ކައިވެނި ކޮށްގެން އުޅޭ ޒުވާނުންގެ ޓީމެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ހެދި ފުޓުބޯޅަ ދަނޑުތަކުގެ ތެރޭގައި ވެސް ހިމެނޭ ކުޅުދުއްފުށީ ރަސްމީ ފުޓުބޯޅަދަނޑު މިހާރު އާއްމުގޮތެއްގައި ބޭނުންކުރަނީ ޒިގްޒެގް ޖަމިއްޔާ އިން ބަލަހައްޓާ ދަނޑެއްގެ ގޮތުގައެވެ.