ނުރައްކާތެރި އެއިޑްސް ބަލީގެ ވައިރަސް އެޗްއައިވީއާއެކު ވިހޭ ކުއްޖެއްގެ ގައިން ފުރަތަމަ ފަހަރަށް އެޗްއައިވީ ވައިރަސް ނައްތާލައިފި އެވެ.
އެމެރިކާގެ ޔުނިވަރސިޓީ އޮފް މިސިސިޕީގެ މެޑީކަލް ސެންޓަރުގެ ޑަކްޓަރުންތަކަކާއި ހަވާލާދީ ދި ގާޑިއަން ނޫހުގައި ރިޕޯޓް ކޮށްފައި ވަނީ ވިހޭއިރު ހަށިގަނޑު ތެރޭގައި އެޗްއައިވީގެ އަސަރު ހުރި ކުއްޖަކަށް އެމެރިކާގެ ޑޮކްޓަރުން ފަރުވާދީ ފަސޭހަކޮށްފައިވާ ކަމަށެވެ.
މިހާރު އުމުރުން ދެ އަހަރާއި ބައި ވެފައިވާ މިކުއްޖާއަށް ކާމިޔާބުކަމާއެކު ފަރުވާދެވިފައިވުމުން އެޗްއައިވީއަށް އިތުރަށް ފަރުވާކުރާކަށް ނުޖެހޭނެ ކަމަށް އެޑޮކްޓަރުންގެ ޓީމުން ބުނެއެވެ. އަދި މިކަމުގެ ސަބަބުން އެހެން ކުދިންނެކޭ އެއްފަދައިން އޭނާއަށް ދިރިއުޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
“އެންމެ ނާޒުކު ޓެސްޓްތައް ވެސް ހަދައިފިން. އޭނާ އެއްވެސް ބޭހެއް ބޭނުންނުކުރާތާ މިހާރު އެވަނީ އަހަރެއް ވެފައި. އޭނާގެ ލޭގައި ވައިރަސްގެ އެއްވެސް އަސަރެއް ނެތް.” ޑޮކްޓަރ ހަނާގޭ ބުނެފައި ވެއެވެ.
މިތުއްތު ކުއްޖާއަށް ދެވުނު ފަރުވާ ކާމިޔާބުވީ ގޮތަކާމެދު ސައިންސްވެރިންނާއި ސިއްހީދާއިރާގެ ފަރާތްތައް ސުވާލު އުފައްދާފައިވީ ކަމުގައި ވިޔަސް، އެޗްއައިވީ އަށް ފަރުވާއެއް ހޯދުމަށް ކުރެވޭ މަސައްކަތަށް މިއީ ބޮޑު ކުރިއެރުމެކެވެ.
2011 ވަނަ އަހަރު ޔުނިސެފްގެ ތަފާސްހިސާބުތައް ދައްކާގޮތުން 15 އަހަރުން ދަށުގެ 3.3 މިލިޔަން ކުޑަކުދިން އެޗްއައިވީ ވައިރަސްގެ ޝިކާރައަކަށް ވަނީ ވެފައެވެ. އޭގެ ތެރެއިން 90 އިންސައްތަ ކުދިންނަކީ އެފްރިކާގައި ދިރިއުޅޭ ކުދިންނެވެ. — ދި ގާޑިއަން