ފެނާއި ނަރުދަމާގެ ޚިދުމަތް ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ދޭ ކުންފުނި ކަމުގައިވާ މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކުޅުދުއްފުށީގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރަން ފަށައިފި އެވެ.
މިގޮތުން އެކުންފުނިން ވަނީ ދާދިފަހުން ކުޅުދުއްފުށީގައި ސޯލާ ޕެނަލްތަކެއް ބަހައްޓާ އެކުންފުނީގެ މަސައްކަތްތަކަށް ބޭނުންވާ ހަކަތަ އުފައްދަން ފަށާފަ އެވެ.
އެމްޑަބްލިޔުއެސްސީ އިން މަޢުލޫމާތު ދޭގޮތުގައި މިވަގުތު ކުޅުދުއްފުށީގައި އެކުންފުނީގެ މަސައްކަތްތަކަށް އެންމެ އެކަށީގެންވާ ވަރަށް ސޯލާ ޕެނަލް ހަރުކުރެވިފައިވާ ކަމަށާއި މިހާރު ފެން އުފެއްދުމަށްޓަކައި އެކުންފުނިން 55 އިންސައްތަ ހަކަތަ އުފައްދަނީ ސޯލާ ޕެނަލްތަކުންނެވެ.
“ސޯލާ ޕެނަލް ބޭނުންކުރަން ފެށުމުގެ އެންމެ މުހިންމު އެއް މަގުސަދަކީ ކުރިއަށް އޮތް ތަނުގައިވެސް ތެލުގެ އަގަށް އަންނަ ބޮޑު ބަދަލެއްގެ ސަބަބުން އައިސްދާނެ ލޮޅުން ކުޑަކުރުން. މިގޮތުން މިކަމަކީ ތެލުގެ މާކެޓަށް އަންނަ ބޮޑެތި ބަދަލުތަކަށް ކުރިއާލާ ތައްޔާރުވެ ތިބުމަށް ވަރަށް ބޮޑަށް އެހީވެދޭނެ ކަމެއް. އަދި ސޯލާ ހަކަތައިގެ ސަބަބުން ތެލުގެ އަގަށް އަންނަ ބޮޑު ބަދަލެއް ސެޓް-އޯފް ކުރުމަށް އެހީވެދޭނެ ކަމަކަށް ވާނެކަމަށް ބެލެވޭ.” އެމްޑަބްލިޔުއެސްސީގެ އޮފިޝަލެއް ވިދާޅުވި އެވެ
އެމްޑަބްލިޔުއެސްސީ ގެ ހުރިހާ އޮޕަަރޭޝަން ސެންޓަރުތަކެއްގައިވެސް ސޯލާ ޕެނަލް ހަރުކުރުމަށް ނިންމާފައިވާއިރު އަލަށް ޚިދުމަތް ދޭ ކޮންމެ ރަށެއްގެ ޕްލޭންގައިވެސް ރިނިއުބަލް އެނާޖީގެ ބައި ހިމެނޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ. އެގޮތުން މިހާތަނަށް ސޯލާ ޕެނަލް ހަރުކޮށްފައިވާނީ މާލެ އާއި ކ.މާފުއްޓާއި ކުޅުދުއްފުށީގައި ކަމަށާއި އަދި ވަރަށް އަވަސް މުސްތަގުބަލެއްގައި ރ. ދުވާފަރުގައި ވެސް ސޯލާ ޕެނަލް ހަރުކުރެވިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.
އެމްޑަބްލިޔުއެސްސީ އިން މައުލޫމާތު ދޭގޮތުގައި އިއާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓަކީ 2016 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންގޮސް ނިންމާލެވޭނެ ޕްރޮޖެކްޓެކެވެ.
އިއާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްގެ އިތުރުން ރެއިން ވޯޓަރ ހާވެސްޓިންގ ޕްރޮޖެކްޓް ގެ ނަމުގައި ވާރޭފެން ހެޔޮގޮތުގައި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ނެގޭނެ އިންތިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެކުންފުނިން ބުނެއެވެ. މިކަމުގެ ސާވޭއެއް ކުޅުދުއްފުށީގައި ވަރަށް އަވަހަށް ހަދާނެއެވެ.
ސޯލާ ޕެނަލް ޕްރޮޖެކްޓަކީ ތިމާވެށްޓާ ރައްޓެހި އެއްޗެއްކަމުން މިއިން، ދިވެހިރާއްޖޭގެ 2020 ގެ އެއް ތަސައްވަރުކަމުގައިވާ ކާބަން ނިއުޓްރަލް ގައުމަކަށް ދިވެހިރާއްޖެ ހެދުމަށް މަގު ފަހިވެގެންދާނެ ކަމަށް އެކުންފުނިން ދެކެއެވެ.
[yass cats=16]