އަދާލަތު ޕާޓީއަށް ސޮއިކުރީ އެޕާޓީ އުވިއްޖެނަމަ ދާއިރާގެ ގިނަ ރައްޔިތުންގެ ހައްގުތަކެއް ގެއްލިދާނެތީ ކަމަށް ހދ އަތޮޅު ކައުންސިލް މެމްބަރ އަހުމަދު ޚަލީލް ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅު ކައުންސިލުގައި ވައިކަރަދޫ ދާއިރާ ތަމްސީލު ކުރައްވާ އަހްމަދު ޚަލީލު މިހެން ވިދާޅުވީ އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު މި ނޫހަށް ދެއްވި ފުރަތަމަ ބަސްދީގަތުމެއްގައި އެވެ.
މިނިވަން މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި އަހުމަދު ޚަލީލް މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ކައުންސިލްއަށް އިންތިހާބު ވުމުގައި އަދާލަތު ޕާޓީ އާއި ޑީއާރުޕީއަށް ނިސްބަތްވާ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި، ނަމަވެސް ކުރިއްސުރެވެސް ވިސްނައިގެން ހުރީ ދައުރު ނިމެންދެން މިނިވަން މެމްބަރެއްގެ ގޮތުގައި ހުރުމަށެވެ. އަދި އަދާލަތު ޕާޓީއަށް ސޮއި ކުރުމަށް ވިސްނީ ވަރަށް ގިނަ ކަންތައްތަކަށް ބަލާފައިކަން ފާހަގަ ކުރެއްވި އެވެ.
މިގޮތުން ފާހަގަ ކުރެއްވި އެންމެ މުހިއްމު ކަމަކީ ދާދިފަހުން ފާސްކުރި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ސަބަބުން އަދާލަތު ޕާޓީ އުވުމަށް ފުރުސަތު އޮތުމުން އެފުރުސަތު ނުދިނުމަށް ތާއީދު ކުރުމުގެ ގޮތުންނެވެ. އަދި އަދާލަތު ޕާޓީ އުވިއްޖެނަމަ އޭނާ އިންތިހާބުވި ދާއިރާގެ ގިނަ ބަޔެއްގެ ހައްގުތައް ގެއްލިގެން ހިނގައިދާނެ ކަމަށް ދެކިލައްވާތީ އެވެ.
ޚަލީލް ފާހަގަ ކުރެއްވި ގޮތުން އަބަދުވެސް ދާއިރާގެ ރައްޔިތުންނާ ގާތްގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރައްވާ ކަމަށާއި، ޑީއާރުޕީ ބައިބައިވެ ގިނަ މެމްބަރުން ޕީޕީއެމް އާއި އަދާލަތު ޕާޓީ އަށް ބަދަލުވުމުން ވެސް އެ ރައްޔިތުންނާ ގާތްގުޅުމެއް އަންނަނީ ބާއްވަމުންނެވެ.
އަދާލަތު ޕާޓީއާ ގުޅުމުން ދާއިރާގެ ރައްޔިތުންނަށް މިވަގުތު ބޮޑެތި ފައިދާތައް ކުރާނެ ކަމަށާއި ހައްގުތައް ހޯދައިދޭން ފަސޭހަ ވާނެކަން ޚަލީލް ފާހަގަ ކުރެއްވި އެވެ. އަދި ބޭނުންވަނީ ދާއިރާގެ ރައްޔިތުންގެ މެދުގައި އެކުވެރި މާހައުލެއް ގާއިމުކޮށް ހުރިހާ ފަރާތްތަކަށް ވެސް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްވުން ކަމަށް ޚަލީލް ވިދާޅުވި އެވެ.
ޚަލީލް އަކީ ހދ އަތޮޅު ކައުންސިލުގެ ކުރީގެ ނައިބު ރައީސްގެ މަގާމު ފުރުއްވި ބޭފުޅެކެވެ.