ރައީސް މައުމޫން އަބުދުލް ގައްޔޫމުގެ ޖީބުކޮޅުގައި ގެންގުޅުއްވާ ކާލާމަންނައަކީ ޔާމީން އަބުދުލް ގައްޔޫމު ކަމަށް ޕީޕީއެމްގެ ރަންގޮނޑި ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި ފުރުވަމުން ގެންދައްވާ އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ރޭ ޕީޕީއެމް ޔަގީން ޓީމުގެ ފަރާތުން ހދ ކުޅުދުއްފުށީ ގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ޝަރީފު ވިދާޅުވީ ރައީސް މައުމޫނުގެ ރަން 30 އަހަރު ރާއްޖެ އަށް ގެނައި ތަރައްގީގެ ބޮޑު ހިއްސާ އެއްވާ ބޭފުޅަކީ އަބުދުﷲ ޔާމީން ކަމަށާއި ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފަާނަށް ދިމާވާ ކޮންމެ އުދަގުލެއްގައި އެމަނިކުފާނު ޖައްސަވާ މަންނައަކީ ކާލާމަންނަކަމަށާއި އެއީ އަބުދުﷲ ޔާމީނު ކަމަށެވެ.
ޕީޕީއެމްގެ ޖަލްސާ އެއް ކުޅުދުއްފުށީ ގައި ނުބާތާ ގިނަ ދުވަސް ތަކެއް ފަހުން ރޭ ކުޅުދުއްފުށީ މިތުރު ޓިކެޓް އޮފީސް ކުރިމަތީގައި ބޭއްވި މިޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ޝަރީފު ވިދާޅުވީ އަބުދުﷲ ޔާމީނު އަކީ ދިވެހި ގައުމިއްޔަތާއި އިސްލާމްދީނުގެ ދިފާއު ކުރުމަށް ތެދުވާނެ ބޭފުޅެއް ކަމަށެވެ. އަދި ރައީސް މައުމޫނުގެ ވިސްނުންފުޅާއި އެމަނިކުފާނުގެ ސިޔާސަތުތައް ދަމަހައްޓާނެ ބޭފުޅަކީ ވެސް ޔާމީނު ކަމަށެވެ.
އަބުދުﷲ ޔާމީނު އަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވަމުން ޝަރީފު ވިދާޅުވީ “ޕީޕީއެމްގެ އިރަކީ ރައީސް އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމު ކަމުގައި ބެލެވެންޏާ، އެ އިރުން ނޫރު ލިބިގެން އަޅުގަނޑުމެން ހުރިހާ އެންމެނަން އަލި ކަން ދައްކާދޭ ފަރާތަކީ އަބުދުﷲ ޔާމީން” އެވެ.
މިޖަލްސާ ގައި ރައީސް ނަޝީދު އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝަރީފު ވިދާޅުވީ ރައީސް ނަޝީދަކީ ބޮޑު މުސީބާތެއް ކަމަށާއި އޭނާގެ މުސީބާތުން މިގައުމު ސަލާމަތް ކޮށްދެއްވުމަށް ﷲ ގެ ހަޒުރަތު ގައި ދުޢާ ކުރުމަށް އެޕާޓީގެ މެމްބަރުން ކިބައިން އެދިފައި ވެއެވެ.
މިޖަލްސާ ގައި އެޕާޓީ އަށް ތާއީދު ކުރާ 160 އެއްހާ މެމްބަރުން ބައިވެރިވި އެވެ.