ހދ ހިރިމަރަދޫގައި ބަނދަރު ނުހެދި ލަސްވަމުންދާތީ ރަށުގެ ރައްޔިތުން ނުކުމެ ކައުންސިލް އިދާރާ ބަންދުކޮށް މުޒާހަރާ ކުރަމުން އެބަދެ އެވެ.
މިނޫހަށް މައުލޫމާތު ދިން ހިރިމަރަދޫގެ މީހަކު ބުނީ ބަނދަރުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަމުންދާ ސަބަބެއް ނޭނގޭތީ މުޒާހަރާ ކުރަމުންދާކަމަށެވެ. އަދި އަމަލީ މަސައްކަތް ނުފެށެނީސް ކައުންސިލް އިދާރާއިން މުޒާހަރާގެ ބައިވެރިން ނުނުކުންނާނެ ކަަމަށްވެސް އޭނާ ބުންޏެވެ.
މިކަމާއި ގުޅިގެން ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އިއްޔެއިން ފެށިގެން ރަށުގެ ރައްޔިތުން ކައުންސިލް އިދާރާ ކުރިމަތީގައި އިހުތިޖާޖް ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ ބުނަމުންދަނީ 35 އަހަރު ވެގެން ދިޔައިރުވެސް އަސާސީ ގިނަ ޚިދުމަތްތަކުން ރަށުގެ ރައްޔިތުން މަހުރޫމު ކުރެވިފައިވާ އިރު އިހުތިޖާޖު ކުރަމުން ދަނީ އޭގެތެރެއިން އެންމެ ހައްގެއް ހޯދުމަށް ކަމަށެވެ.
“ވަކި ސަރުކާރެއް ނޫން. ހުރިހާ ސަރުކާރު ތަކަކުންވެސް ވަނީ ހިރިމަރަދޫއާ މެދު ވަރަށް ބޮޑަށް އިހުމާލުވެފަ. 35 އަހަރު ވެގެން ދިޔައިރުވެސް އެއްވެސް ކަމެއް ހިރިމަރަދުއަށް ކުރެވިފައެއް ނެތް. މިއޮއްހައި ދުވަސް ވީއިރު ރައްޔިތުން ތިބީ ސަރުކާރުން ހެދިހާ ގޮތަކަށް ބޯލަނބައިގެން. ދެނެއް އެކަމަކު ރައްޔިތުންނެއް ނުތިބޭނެ.” ރައްޔިތުންނާއި ހަވާލާދީ މުހައްމަދު ވަހީދު ވިދާޅުވި އެވެ.
މުހައްމަދު ވަހީދު ވިދާޅުވީ މީގެ ކުރިން ސަރުކާރުތަކުން ބުނެގެން 100 އިންސައްތަ ވޯޓު ދީގެންވެސް އެއްވެސް ކަމެއް ރަށަށް ކޮށްދީފައި ނުވާކަމަށާއި، ބަނދަރެއް ހަދައިދިނުމަށް އާދޭސް ކުރާ ކަމަށެވެ. އަދި ރައީސް ވަހީދު ބައްދަލުކުރުމަށްފަހު 30 މިލިޔަން ރުފިޔާގެ ބަޖެޓެއް ރަށުގެ ތަރައްޤީއަށް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ހދ ހިރިމަރަދޫގައި ހެދުމަށް ހަމަޖެހިފައިވާ ބަނދަރަކީ 250 ފޫޓު 300 ފޫޓުގެ ކުޑަ ބަނދަރެކެވެ. މިއީ 21 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.