ހިރިމަރަދޫ އިން އަހުމަދު މުޙައްމަދު
ހދ. ހިރިމަރަދޫ ބަނދަރު ހެދުން ލަސްވުމުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އާއި ހައުސިންގ މިނިސްޓަރު ކޮމިޓީއަށް ހާޒިރު ކުރުމަށް އެދި ހިރިމަރަދޫ ރައްޔިތުން ޕެޓިޝަނެއް ތައްޔާރު ކުރަން ފަށައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދު ހަސަން އާއި ހައުސިންގ މިނިސްޓަރ މުޙައްމަދު މުއިއްޒާއި ކަމާ ގުޅުން ހުރި އެންމެހައި ފަރާތްތަކެއް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ހާޟިރު ކޮށްދިނުމަށް އެދި ޕެޓިޝަނެއްގައި ސޮއި ކުރަން ފަށާފައިވަނީ، ހިރިމަރަދޫގައި ބަނދަރެއް ހެދުމަށް 2013 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާ ޕީ.އެސް.އައި.ޕީ ގެ ގޮތުގައި ފައިސާ ކަނޑައަޅާފައި ވާއިރު އެކަން ނުކޮށް ލަސްވަނީ ކީއްވެތޯ އާއި، ރަށުގެ އާބާދީ މަދުވުމަކީ ޤާނޫނު އަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށްދޭ ބާބުން ލިބިދޭންޖެހޭ އަސާސީ ޙައްޤުތަކުން މަޙްރޫމްވާންޖެހޭ ސަބަބެއްތޯ ސާފުކުރުމަށްޓަކައި ކަމަށް ހިރިމަރަދޫ ރައްޔިތުން ބުނެއެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ހިރިމަރަދޫގެ އާއްމު ރައްޔިތެއް މަޢުލޫމާތު ދީފައިވާ ގޮތުގައި މިހާތަނަށް މި ޕެޓިޝަނުގައި 225 ހަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި މި ޕެޓިޝަން ކޮމެޓީއަށް ހުށަހެޅޭނެއެވެ.
“މިހާރު ގާތްގަނޑަކަށް 225 މީހުން ޕެޓިޝަނުގައި ވަނީ ސޮއިކޮށްފައި. ދެން އަޅުގަނޑުމެން މިދެކެނީ މިއަދުގެ ވަގުތެއްގައި މި ޕެޓިޝަން ކޮމެޓިއަށް ހުށަހެޅޭނެކަމަށް.” އެފަރާތުން ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.
އާބާދީގައި 529 މީހުން ދިރިއުޅެމުންދާ 43 ހެކްޓަރުގެ މިރަށަކީ ހދ ގައި ލަފާފުރުމުގެ ދަތިކަން އެންމެ ބޮޑު އެއްރަށެވެ. މިރަށަކީ މިހާތަނަށްވެސް ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ކުރެވިފައިވާ ރަށެއް ނޫނެވެ.
ހިރިމަރަދޫގެ ރައްޔިތުން ބުނާގޮތުގައި ބަނދަރު ނުހެދި އޮތުމުގެ ސަބަބުންވަނީ އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކާއި ކުރިމަތި ލާންޖެހިފައެވެ. އަދި ވޭތުވެ ދިޔަ އެއްވެސް ސަރުކާރަކުން މިކަމުގައި ހައްލެއް ހޯދައިދެއްވުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށް ބުނެއެވެ.
ކުރީގެ ރައީސް މައުމޫން ވެރިކަމާއި ޙަވާލުވެ ރާއްޖެތެރެއަށް ފުރަތަމަ ކުރެއްވި ދަތުރުފުޅުގައި (1978 ގައި) ހިރިމަރަދުއަށްވަޑައިގެން ރައްޔިތުންނަށް މިވަގުތައް އެންމެ ބޭނުންވަނީ ކޮންކަމެއްތޯ އެއްސެވި ކަމަށާއި އެދުވަހުވެސް ރައްޔިތުން އެދުނީ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވުން ކަމުގައި އެރަށުގެ ރައްޔިތުންގެ ފަރާތުން މައުލޫމާތު ދެއްވި ފަރާތުން ބުނެފައިވެއެވެ.
“ރައީސް މައުމޫން 1978 ގައި މިރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައި އެއްސެވި ކޮންކަމެއްތޯއޭ މިވަގުތަށް އެންމެ ބޭނުމީ. އަޅުގަނޑުމެން ދެންނެވިން ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވުމޭ. ދެން ވިދާޅުވި ވަރަށް އަވަހަށް ތިކަން ހައްލުކޮށްދެއްވާނަމޭ. މިހާރު އޭގަފަހުން 35 އަހަރުވީ. ވީއެއްކަމެއް ނެތް.” އެފަރާތުން ވާހަކަ ދައްކަމުން ބުނެފައިވެއެވެ.
މިހާރު ހިރިމަރަދޫގެ ރައްޔިތުންވަނީ ކައުންސިލް އިދާރާ ހިސޯރުކޮށް އިޙްތިޖާޖު ކުރަންފަށާފައެވެ. ބަނދަރުގެ އަމަލީ މަސައްކަތް ނުފަށަނީސް އިހްތިޖާޖްކުރުން ހުއްޓާނުލާނޭ ކަމުގައި އެރަށު ރައްޔިތުން ބުނަމުން ދެއެވެ.