ކުޅުދުއްފުށީ އަމީރު އަމީން ޕްރީ ސްކޫލާއި އިރުމަތި އަވަށު ޕްރީ ސްކޫލުގެ ދަރިވަރުން ކިޔެވުމާއި ގުޅޭ ފީލްޑް ޓްރިޕްތަކެއް ކުރިއަށް ގެންގޮސްފި އެވެ.
ކުޅުދުއްފުށީގެ އެންމެ ދުވަސްވީ ޕްރީ ސްކޫލުކަމަށްވާ އަމީރު އަމީން ސްކޫލުގެ ދަރިވަރުން، ކިޔަވާ ފިލާވަޅެއް ކަމަށްވާ ” ޕްލޭސަސް” ގެ ފިޅާވަޅުގެ ބޭނުމަށް އެކި ތަންތަނަށް ވަނީ ޒިޔާރަތް ކޮށްފައެވެ. އެސްކޫލުގެ އެޑްމިނިސްޓްރޭޓަރ އާއިޝަތު މުހައްމަދު ވިދާޅުވީ މިގޮތުން ޔޫކޭޖީގެ ދަރިވަރުން މިއަދު އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އަދި ކުރިން ދުވަހެއްގައި މިދަރިވަރުން އަފީފުއްދީން ސްކޫލަށް ޒިޔާރަތް ކޮށްފައިވާ ކަމަށްވެސް އާއިޝަތު ވިދާޅުވިއެވެ.
މީގެ އިތުރުން އަމީރު އަމީން ސްކޫލުގެ އެލްކޭޖީގެ ދަރިވަރުން މިއަދު ވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށްވެސް ޒިޔާރަތް ކޮށްފައެވެ. އަދި ކުރިން އެކުދިން ވަނީ ހދ. އަތޮޅު ރައްވެހިގެއަށް ވެސް ޒިޔާރަތް ކޮށްފައެވެ. މި ޒިޔާރަތްތަކުގައި ދަރިވަރުން ވަނީ އެތަންތަނުގައި ކަންތައް ހިނގާގޮތް ބަލާލާ ތަނުގައި ގެންގުޅޭ ވަސީލަތްތަކާއި ބެހޭ މައުލޫމާތު ހޯދާފައެވެ .
އަމީރު އަމީން ސްކޫލުގެ އެޑްމިނިސްޓްރޭޓަރ ވިދާޅުވީ މިފަދަ ފީލްޑް ޓްރިޕްތައް ކުރިއަށް ގެންދިޔުމަށް އެކިއެކި ފަރާތްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށާއި މިގޮތުން ޕޮލިސް، އެމްއެން.ޑީއެފް އަދި އަތޮޅު ރަށްވެހިގޭގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.
މީގެ އިތުރުން އިރުމަތި އަވަށު ޕްރީ ސްކޫލުގެ ދަރިވަރުންވެސް މި އަހަރުގެ މިހާތަނަށް އައިއިރު ވަނީ އެކިއެކި ފީލްޑް ޓްރިޕް ތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މިއަދު އެ ސްކޫލުގެ ދަރިވަރުން ވަނީ އިންޖީނުގެއަށް ޒިޔާރަތް ކޮށްފައެވެ. އެސްކޫލުގެ ސްޕަވައިޒަރު ޝަމީމާ ހުސައިން ވިދާޅުވީ “އެންވަޔަރމެންޓް” ފިޅާވަޅުގެ ބޭނުމަށް އިންޖީނުގެއަށް ޒިޔާރަތް ކުރީ އެތަނަކީ ތަފާތު ބާވަތުގެ ގަސް ގިނައަދަދަކަށް ހުރި ތަނަކަށް ވާތީއެވެ. މި ސްކޫލުގެ ދަރިވަރުން މީގެ ކުރިން ވަނީ “ޕީޕަލް ހޫ ހެލްޕް އަސް” ޓޮޕިކްގެ ދަށުން ފަޔަރ ސްޓޭޝަނަށްވެސް ޒިޔާރަތް ކޮށްފައެވެ. އަދި އިތުރަށް މިފަދަ އެކިއެކި ފީލްޑް ޓްރިޕްތައް ރޭވިފައިވާ ކަމަށް ޝަމީމާ ވިދާޅުވި އެވެ.