8 މާރޗް 2008 ވަނަ އަހަރު އިރުމަތި އަވަށު ޕްރީސްކޫލު ވުޖޫދަށް އައި އައުމަކީ ކުޅުދުއްފުށީގައި ޕްރީ ސްކޫލުގެ ވާދަވެރިކަން ގެނުވި ކަމެކެވެ. އެދުވަހު 8 މުވައްޒަފުންނާއި 84 ދަރިވަރުންނާއެކު ތައުލީމު ދޭންފެށި އައިޕީއެސް އަކީ މިހާރު ކުރިއަރަމުން ކާމިޔާބަށް ވާސިލްވަމުން އަންނަ ސްކޫލެކެވެ.
މީގެ 5 އަހަރު ކުރިން އައިޕީއެސް ހުޅުވުނީ އިރުމަތި އަވަށު ކޮމިޓީގެ އިސްނެންގެވުމުގެ މަތިން އެފަރާތުގެ ބެލުމުގެ ދަށުންނެވެ. އަދި 2012 ވަނަ އަހަރުގެ އޯގަސްޓް މަހު ސްކޫލު ހިންގުން ރަށު ކައުންސިލާއި ހަވާލުވެގެން ދިޔައެވެ.
އިރުމަތި އަވަށު ޕްރީ ސްކޫލުގެ ސްޕަވައިޒަރު ޝަމީމާ ހުސައިން ވިދާޅުވީ ކައުންސިލާއި ސްކޫލު ހިންގުން ހަވާލުވުމަށް ފަހު ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެން ގޮސްފައިވާ ކަަމަށެވެ. މިގޮތުން ނިންމަންޖެހޭ ޚާއްސަ ނިންމުންތައް ނިންމުމުގަ އާއި ފައިސާގެ މައްސަލަތައް ހައްލުކުރުމުގައި ކައުންސިލުގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަ ކުރެއްވިއެވެ.
އައިޕީއެސްގެ 5 ވަނަ އަހަރީ ދުވަސް އެސްކޫލުގައި އިއްޔެ އިން ފެށިގެން ފާހަގަ ކުރަމުންދާއިރު އެސްކޫލަކީ ކާމިޔާބު ސްކޫލެއްގެ ގޮތުގައި ބެލެވޭނެ ސަބަބުތަކެއް އެބަހުއްޓެވެ. މިގޮތުން ސްކޫލުގައި ތައުލީމް ހާސިލްކުރާ ދަރިވަރުންގެ އަދަދު 329 އަށް އިތުރުވެ މުވައްޒަފުންގެ އަދަދު 22 އަށް އިތުރުވެގެން ދިޔަ ދިޔުމަކީ މިކަމުގެ ހެއްކެކެވެ. އަދި މިއަހަރުގެ މިހާތަނަށް އެހެނިހެންރަށްރަށުގެ 5 ސްކޫލަކުން އައިޕީއެސް އަށް ޒިޔާރަތްކޮށް ހެދުމަކީވެސް ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އެސްކޫލުން ހާމަކުރައްވައެވެ.
ސްކޫލުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ އެސެމްބްލީއެއް އިއްޔެ ވަނީ ބާއްވާފައެވެ. މި އެސެމްބްލީ ޝަރަފްވެރިކޮށްދެއްވީ ކައުންސިލް މެމްބަރު އަލީ އާދަމެވެ. މި ރަސްމިއްޔާތުގައި ކޭކު ފެޅުން އޮތެވެ. އަދި ދަރިވަރުންނަށް ފުއްޕާ ހަމާއި ކެޕް ހަވާލުކުރުން އޮތް ކަމަށް ސްކޫލުން މައުލޫމާތު ދެއްވި އެވެ. އަދި ރޭ އައިޕީއެސްގެ އަންހެން މުވައްޒަފުންނާއި، އަންހެން މަންދޫބުންނާއި ދެމެދު ފުޓުބޯޅަމެޗެއް ކުޅުނެވެ.