އުމަރު ނަސީރުގެ ވެރިކަމެއްގައި މިރާއްޖޭގައި އިސްލާމީ ޝަރީޢަތާ އެއްގޮތަށް އިއްވާފައި ހުރި ހުކުމްތައް ތަންފީޒު ކުރާނެކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރު އޭނާގެ ކެމްޕެއިން ޖަލްސާގައި ރޭ ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އިސްލާމީ ޝަރީޢަތް ޤާއިމް ކުރައްވާނެ ކަމަށާއި އެކަމަށް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އިތުރަށް އުމަރު ވިދާޅުވީ ރިޔާސީ ޓިކެޓް ލިބިލައްވައިފި ނަމަ މި ޤައުމު އަމާން ތަނަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
“ތިޔަބޭފުޅުން އަޅުގަނޑަށް ރިޔާސީ ޓިކެޓް ހޯއްދަވައި ދެއްވައިފިއްޔާ މި ޤައުމުގައި އިސްލާމީ ޝަރީއަތާ އެއްގޮތަށް އިއްވާފައިހުރި ހުކުމްތައް ތަންފީޒު ކުރާނަން. އަޅުގަނޑެއް އެކަމަކަށް ފަހެއް ނުޖެހޭނަން. އަދި މި ޤައުމު އަމާން ތަނަކަށް ހަދައިދޭނަން.” އުމަރު ވިދާޅުވި އެވެ.
7 ފެބްރުއަރީގެ ކޮމާންޑަރުކަމަށް އަމިއްލަފުޅަށް ވިދާޅުވާ އުމަރު ނަސީރު އިތުރަށް ވިދާޅުވީ އޭނާއަށް ރިޔާސީ ޓިކެޓް ލިބިލައްވައިފި ނަމަ ރައީސް ނަޝީދު ވޯޓުން ބަލިކޮށް ޖަލަށް ލާނެކަމަށެވެ.
“ތަކުރާރުކޮށް މިދަންނަވަނީ މުހައްމަދު ނަޝީދު ޖަލަށް ލައިފައޭ އަޅުގަނޑު ހުއްޓާލާނީ. ކިތަންމެ ވަރަކަށް އެމްޑީޕީ ތެޅުނަސް ހެޔޮ. މިޤައުމު ވިއްކާ، މިޤައުމުގެ ފޭރާން ވީދާ ވޭތުވެދިޔަ 8 އަހަރު މި ޤައުމަށް ނޭވާލުމުގެ ފުރުސަތު ނުދީ ރެއާއި ދުވަލު އޭނާ (ރައީސް ނަޝީދު) މަސައްކަތް ކޮށްފައިވާތީ އޭނާ އަށް ހައްގުވާ އަޒާބަކީ ޖަލު.” އުމަރު އަޑަށް ބާރުލާފައި ވިދާޅުވި އެވެ.
ކުޅުދުއްފުށީ ދެކުނު މައިޒާނުގައި ބޭއްވި މިޖަލްސާގައި ރައީސް ނަޝީދަށާއި އެމްޑީޕީ އަދި ތަސްމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވިއިރު ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް އުމަރާއެކު ވާދަކުރައްވާ އަނެއް ކެނޑިޑޭޓް އަބްދުﷲ ޔާމީނަށް ވަނީ ނުސީދާ ގޮތުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
300 އެއްހާ މީހުންނާއެކު ރޭ ބޭއްވި ޖަލްސާގައި އުމަރު ނަސީރުގެ އިތުރުން އުމަރުގެ ޓީމުގައި ހިމެނޭ މާޒް ސަލީމްއާއި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ނާޒިމް ވެސް ވަނީ ވާހަކަ ދައްކަވާފައި އެވެ. މިޖަލްސާގައި ބައިވެރިވުމަށްޓަކައި އުމަރަށް ތާއީދު ކުރާ ކައިރި ރަށްރަށުގެ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.