ދާދިފަހުން އިސްލާހުތައް ގެނެވުނު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުގެ މައްސަލައިގައި ކުޅުދުއްފުށީ ރައްޔިތުން މާދަމާ އިހްތިޖާޖަށް ނިކުންނަން ނިންމައިފި އެވެ.
މިނޫހަށް މައުލޫމާތު ދެެއްވަމުން ޤައުމީހަރަކާތުގެ އިސް އޮފިޝަލެއް ވިދާޅުވީ މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި މިކަމުގައި ވީހާވެސް ގިނަ ފަރާތްތަކެއް ބައިވެރިވުމަކީ އެފަރާތުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި މިހަރަކާތުގައި ބައިވުމަށް މިރަށުގެ ހުރިހާ އިސްކޮށް އުޅޭ ހުރިހާ ޕާޓީ ތަކަށް ދަޢުވަތު ދީފައި ވާނޭ ކަމަށެވެ.
ޤައުމީ ހަރަކާތުގެ ފަރާތުން ބާއްވާ މި ސުލްހަވެރި އިހްތިޖާޖް އޮންނާނީ މާދަމާގެ 4:30 ގައި އަމީރުއަމީން ސްކޫލާއި ދިމާ ބަންޑާރަ މަގުގައެވެ.
ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރުމަށް މަޖުބޫރުވާގޮތަށް ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްގެ ޤާނޫނުގައި ބޮޑެތި އިމްތިޔާޒު ތަކެއް ހުރިކަން ފާހަގަ ކުރެވެ އެވެ. އެގޮތުން މެމްބަރުންގެ މާލީ އިނާޔަތުގެ ދަށުން 7 ވަނަ މާއްދާގެ (ހ) ގައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކާއި އަނބިމީހާ/ފިރިމީހާ އަދި އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ދަރިން، ރާއްޖެ އާއި ސާކް ޤައުމުތަކާއި އަދި އާސިއާންގެ ޤައުމުތަކުން ޞިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭން ޖެހޭނެކަމަށް އޮތް އޮތުން ފާހަގަކޮށްލެވެއެވެ. އަދި އެމާއްދާގެ (ށ)ގައި ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކާއި އެ މެމްބަރެއްގެ އަނބިމީހާ/ ފިރިމީހާ ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވަން ޖެހޭނެކަމަށް އޮތް އޮތުން ފާހަގަ ކޮށްލެވެއެވެ
މީގެ އިތުރުން 12 ވަނަ މާއްދާގެ (ށ)ގައިވާ މަޖިލީހުގެ މެމްބަރުންގެ ގަޔަށް އަތްލައި ނުވަތަ އެނޫން ގޮތަކަށްވެސް އާންމު ތަނެއްގައި ބަލައި ފާސްކޮށްގެން ނުވާނެއެވެ. ނަމަވެސް އޭނާގެ މައްޗަށް ޖިނާޢީ ކުށެއްގެ ތުހުމަތު ކުރެވޭނަމަ އެފަދަ ހާލަތުގައި ބަލއި ފާސްކުރަންވެއްޖެނަމަ އިހްތިރާމާއެކު އެމެމްބަރަކު ބަލައި ފާސްކުރެވިދާނެއެވެ. މިހެން މި މާއްދާގައި ހިމަނާފައިވާތީވެސް ގިނަބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
އިމްތިޔާޒުގެ ޤާނޫނާއި ގުޅިގެން ފުލުހުންނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯޝިއޭޝަނާއި ސަރުކާރުގެ އިތުރުން ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.