ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނާ ދެކޮޅު ހެދުމުގެ ގޮތުން ކުޅުދުއްފުށީގައި މިއަދު އިހުތިޖާޖު ކޮށްފި އެވެ.
ކުޅުދުއްފުށީ ދެކުނުކޮޅު ހިއްކި ސަރަހައްދާ ދިމާ އަތިރިމަތީގައި ކުރި މި މި އިހުތިޖާޖުގައި މަދަނީ އިއްތިހާދުގެ މެމްބަރު އަބްދުﷲ މުހައްމަދުވެސް ބައިވެރިވެލެއްވި އެވެ.
މިއަދު ހަވީރު ގާތްގަނޑަކަށް 16:45 ހާއިރު ފެށުނު މި އިހުތިޖާޖުގައި 200 ވަރަކަށް ރައްޔިތުން ބައިވެރިއިރު މަޖިލިސް މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނާ ދެކޮޅު ޝުއޫރުތައް ލިޔެފައިހުރި ބެނާތަކާއި ބޯޑުތައް އެސަރަހައްދުގައި ބަހައްޓާފައި އެބަހުއްޓެވެ.
ބޮޑު ތިލަދުންމަތީ ރައްޔިތުންގެ ގައުމީ ހަރަކާތުގެ ނަމުގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ވާހަކަ ދައްކަވަމުން މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ، މަޖިލީހުގައި ތިއްބެވި ޖިނާއީ މައްސަލަތުގެ ބޮޑެތި ތުހުމަތު ކުރެވޭ މެމްބަރުންނާއި، ބޮޑެތި ލޯނުތައް ނުދައްކަވާ މެމްބަރުން ތިއްބެވިއިރު އެމެމްބަރުންނާ ދެކޮޅަށްފިޔަވަޅު އެޅުމަށް އިމްތިޔާޒުގެ ގާނޫނުން ހުރަސް އެޅޭނެ ކަމަށެވެ. އަދި، މެމްބަރުން ބޮޑެތި އިމްތިޔާޒުތަކެއް ހޯއްދަވާއިރު ބަލަން ތިބެވެން ނެތްކަމަށާއި މަޖިލިސް ހަމަމަގަށް ނާޅުވާ ގައުމު އިސްލާހުކުރެވެން ނެތްކަމަށެވެ.
އަބްދުﷲ މުހައްމަދުގެ ވާހަކައިގައި، ޖީއެމްއާރުގެ އަތުން އެއާރޕޯޓު ހޯދުމަށް ކުރި މަސައްކަތުގެތެރޭގައި ޖީއެމްއާރުން އެއް މިލިއަން ޑޮލަރު އޭނާއަށާއި އަދާލަތު ޕާޓީގެ ރައީސް އިމްރާނަށް ހުށަހެޅިކަމަށް ވިދާޅުވި އެވެ.
މިމަހުގެ ތެރޭގައި އަދި އިތުރު ބޮޑު އެއްވުމެއް ކުޅުދުއްފުށީގައި ބާއްވާނެކަމަށް ބޮޑުތިލަދުންމަތި ދިވެހިރައްޔިތުންގެ ގައުމީ ހަރަކާތުން މައުލޫމާތު ދެއެވެ. މިއަދުގެ އެއްވުމުގައި ހދ އަތޮޅު ކައުންސިލުގެ ޒިންމާދާރުވެރިޔާ ބައިވެރިވެ އެއްވުމުގައި ވާހަކަދައްކަވާފައި ވެއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ޕީޕީއެމްގެ އިސް ބައެއް މެމްބަރުން ވާހަކަ ދައްކަވާފައި ވެއެވެ.
މިއަދުގެ އިހުތިޖާޖުގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ. އަދި މަޖިލިސް މެމްބަރުން އިންތިހާބުކުރާއިރު ވަރަށް ބޮޑަށް ވިސްނާފަ ނޫނީ ވޯޓު ނުދިނުމަށް ގޮވާލާފައި ވެއެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިމްތިޔާޒުގެ ގާނޫނަށް ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.