ކުޅުދުއްފުށީގައި ބޭއްވުނު މަލްޓި ޕާރޕަސް ކޭމްޕަކީ ވަރަށް ކާމިޔާބު ކޭމްޕެއް ކަމަށް ޝީ އިން ބުނެފި އެވެ.
ޝީގެ އެސިސްޓެންޓް ޕްރޮގްރާމިން އޮފިސަރ ފާތިމަތު ނާމިއާ ވިދާޅުވީ ޝީގެ ފަރާތުން ކުރިން ބާއްވާ އެހެން ކޭމްޕްތަކާއި މިކޭމްޕް ވަރަށް ތަފާތު ކަމަށާއި، މިކޭމްޕަށް ވަރަށް ގިނަ ބަޔަކު ޒިޔާރަތްކޮށް މައުލޫމާތު ހޯދާފައިވާ ކަމަށެވެ.
ޝީގެ ފަރާތުން ދާދިފަހުން ބޭއްވި ކޭމްޕްގައި އާއިލާ ރޭވުމާއި ދަރިން ތަރުބިއްޔަތު ކުރުމާއި، އެޗްއައިވީ އެއިޑްސްއާއި، އުރަމަތީގެ ކެންސަރާއި، ރަހިމުގެ ކެންސަރާއި، ތެލެސީމިޔާއާއި ބެހޭ މައުލޫމާތު އެކިއެކި ސްކޫލުތަކުގެ ބެލެނިވެރިންނަށާއި ކުލަބް ޖަމާއަތްތަކުގެ މެމްބަރުންނަށް ވަނީ ދީފައެވެ. އަދި އަމިއްލައަށް އެދިގެން އެޗްއައިވީއަށް ޓެސްޓު ކުރުމާއި ތެލެސީމިއާ އާއި ޑީއެންއޭ ޓެސްޓް ކުރުންވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މިމަހުގެ 14 އިން 16 ގެ ނިޔަލަށް މި ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ ކުޅުދުއްފުށީ ޕަބްލިކް ހެލްތު ޔުނިޓާ ގުޅިގެންނެވެ