ހދ ނެއްލައިދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާތީ ކައުންސިލް އިދާރާ ބަންދުކުރަން ޖެހިދާނެ ކަމަށް އެ ރަށު ރައްޔިތުން ބުނެފައިވާ ކަމަށް ނެއްލައިދޫ ކައުންސިލުގެ ރައީސް މުހައްމަދު ވާފިރު ވިދާޅުވެއްޖެ އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ކައުންސިލުގެ ރައީސް ވިދާޅުވީ 2011 ވަނަ އަހަރު އެރަށުގެ ބަނދަރު ހެދުމަށް ކޮނުނު ފަހުން އިތުރު އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައިނުވާ ކަމަށާއި ކައުންސިލުން މިކަމުގައި ސަރުކާރުގެ ކަމާއިގުޅޭ ހުރިހާ މުއައްސަސާއަކާއި ވާހަކަދައްކާފައިވީ ނަމަވެސް ރަސްމީ އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށެވެ.
” 2011ވަނަ އަހަރު ކޮނުނު ފަހުން މިހާތަނަށް އެއްވެސް ކަމެއް ކޮށްފައެއްނެތް. އަޅުގަނޑުމެން މިމަސައްކަތް ކުރިއަށް ނުގޮސްގެން ރައީސުލްޖުމްހޫރިއްޔާ އާއި ހައުސިން މިނިސްޓަރާވެސް ބައްދަލުކޮށްފިން. އަދި މިހާތަނަށް ރަސްމީ ޖަވާބެއް ލިބިފައެއް ނުވޭ. އެކަމަކު ނުރަސްނީ ކޮށް ޖަވާބުތައް އާދޭ. މާބޮޑު ހަރުދަނާކަމެއް ނެތް” ވާފިރު ވިދާޅުވިއެވެ.
ވާފިރު އިތުރަށް ވިދާޅުވީ މިއީ ބަޖެޓުގައި ހިމެނި ބަޔަކާއި ހަވާލުކުރެވިފައިވާ މަސައްކަތަކަށް ވާއިރު ބަނދަރުގެ މަސައްކަތް ނުފެށި ލަސްވާންޖެހޭ ސަބަބެއް ނޭނގޭ ކަމަށެވެ. އަދި މިކަމުގައި އެދެވޭ ހައްލެއް ނުލިބިއްޖެނަމަ ކައުންސިލް އިދާރާ ބަންދުކުރަން ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ.
1200 މީހުން ދިރިއުޅޭ ނެއްލައިދޫގެ ބަނދަރަކީ މަސައްކަތް މެދުކެނޑިފައިވާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ބަނދަރެކެވެ. މި ބަނދަރަކީ 400 ފޫޓު ދިގު 150 ފޫޓު ފުޅާ ގާތްގަނޑަކަށް 29 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ބަނދަރެކެވެ.
ދާދިފަހުން ހދ ހިރިމަރަދޫގެ ރައްޔިތުން ވެސް ވަނީ ހިރިމަރަދޫގައި ބަނދަރު ނުހެދި ގިނަދުވަސް ވަމުން ދިޔުމުގެ ސަބަބުން ކައުންސިލް އިދާރާ ބަންދުކޮށް އިހްތިޖާޖު ކޮށްފައެވެ.