ކުޅުދުއްފުށީ އަމީނީމަގުގައި ގަލުގެ ބަދަލުގައި ތާރު އަޅުމަށް މިހާރު ހަމަޖެހިފައިވާކަމަށް އެމްއާރުޑީސީން ބުނެފި އެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މި އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ފެއްޓެވި ކުޅުދުއްފުށީ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި އެތުރި ގައުތައް ނަގާ ތާރު އެޅުމަށް ހަމަޖެހިފައިވަނީ ހައުންސިން މިނިސްޓްރީގެ ފަރާތުން ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެންކަމަށް އެމްއާރުޑީސީން ހާމަކުރެއެވެ.
މިނޫހަށް މައުލޫމާތު ދެމުން އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ މަގުހެދުމުގެ ސްކޯޕް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި މިގޮތުން ގަލުގެ ބަދަލުގައި ތާރު އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިހާރު މަގުގެ މެދުގައި ޖަހާފައިވާ ރޯޑު ޑިވައިޑަރުތައް ނަގަމުންދާ ކަމަށާއި ހޮޅިބުރިތައްވެސް ވަރަށް އަވަހަށް ނަގާ މަގުގެ އެއްކައިރިއަށް ބަދަލުކުރާނެކަމަށް ނަޒީމް ވިދާޅުވިއެވެ.
ނަޒީމް ވިދާޅުވީ އެމްއާރުޑީސީއާއި ގުޅިގެން ލަންކާގެ ކުންފުންޏަކުން ތާރުއެޅުމުގެ މަަސައްކަތް ކުރުމަށް ވާހަކަ ދެކެވެމުންދާކަމަށާއި، މިގޮތުން ގާތްތަނޑަކަށް 3 ހަފްތާގެ ތެރޭގައި ގޮތެއްނިންމޭވަރު ވާނޭ ކަމަށެވެ. މިގޮތުން ލަންކާގެ ރޯޑު ޑެވެލޮޕްމެންޓް އޮތޯރިޓީއާއި މަޝްވަރާކުރަމުންދާ ކަމަށާއި އެފަރާތުގެ ޝައުގުވެރިކަން މިކަމުގައި ވަރަށް ބޮޑުކަންވެސް ނަޒީމް ފާހަގަކުރެއްވި އެވެ.
“ހައުސިންގެ ސްކޯޕްއަށް ބަދަލުއައިސް ތާރަށް ބަދަލުވެފަ މިއޮތީ. ދެން ލަންކާގެ ކުންފުނީގެ ވާހަކަ. އެކުންފުންޏާ އަދި ވާހަކަ ދައްކަމުން މިގެންދަނީ. އެކަމަކު އެމްއާރުޑީސީއާއި ގުޅިގެން އެފަރާތުން މަަސައްކަތްކުރާނީ. މެދުގަ ޖަހާފަހުރި ލައިޓު ސްޕޮޓުތައް ނަގަންޖެހޭތީ އަލުން ލެވެލިން ކުރުމުގެ މަސައްކަތްވެސް ކުރާނަން.” ނަޒީމް ވިދާޅުވި އެވެ.
ނަޒީމް އިތުރަށް ވިދާޅުވީ ބައެއް ފަރާތްތަކުން އަމީނީ މަގުގެ މަސައްކަތް ދެން އެމްއާރުޑީސީން ނުކުރާނެ ކަމަށް ބުނަމުންދާކަމަށާއި އެހެން ނަމަވެސް އެއީ ހަޤީގަތާއި ޚިލާފު ވާހަކައެއްކަމަށެވެ. އަދި މަގުގެ އަމަލީ މަސައްކަތް ކުރަމުން ނުދިޔަ ކަމުގައި ވިޔަސް އިދާރީ ވަރަށްގިނަ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
ކުޅުދުއްފުށީ އަމީނީމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއަކީ 2011 ވަނަ އަހަރު ފެށި މަޝްރޫއަަކަށްވާއިރު ތަފާތު ސަބަބުތަކާއިހުރެ މަގުގެ މަސައްކަތް ވަނީ ވަރަށްބޮޑަށް ލަސްވެފައެވެ. އަދި މަގުގައި ގައުއެތުރުމުގެ މަސައްކަތް ފެށުމަށް ކުޅުދުއްފުއްޓަށް ގެނައި ގައުތަކުން ބައެއް ފެންވަރު ދެރަކަމަށް ބުނެވަނީ ބަދަލު ހޯދުމަށް އަނބުރާ ފޮނުވާލާފަ އެވެ.