twitterviber whatsapp telegramfacebookyoutube instagram
26th April 2024

މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން ކޯސްޓަލް ނެވިގޭޝަންގެ އިތުރު ކޯހެއް ކުޅުދުއްފުށީގައި ފަށަނީ

Mar 26, 2013

ކުޅުދުއްފުށީގައި ހުންނަ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން ކޯސްޓަލް ނެވިގޭޝަންގެ އިތުރު ކޯހެއް އަންނަ މަހު ފަށާނެ ކަމަށް އެ އެކަޑަމީ އިން ބުނެފި އެވެ.

މެރިޓައިމް އެކަޑަމީގެ ސީއީއޯ އަދި އެޑިއުކޭޝަން ޕްރޮގްރާމް ޑައިރެކްޓަރ ކެޕްޓަން އާދިލް ރަޝީދު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ކޯސް ހެދޭ އެހެން ތަންތަނަށްވުރެ މެރިޓައިމް އެކަޑަމީގައި ކޯހުގެ އަގު ހެޔޮކޮށްފައިވާނެ ކަމަށާއި މިގޮތުން މިކޯހުގެ ފީއެއްގެ ގޮތުގައި މެރިޓައިމް އިން ކަނޑައަޅުއްވާފައިވަނީ 2500 ރުފިޔާ ކަމަށެވެ. އަދި މިކޯހުގައި ކިޔަވައިދެއްވަނީ ކުޅުދުއްފުށީގެ ބޭފުޅެއް ކަމަށްވާ ކެޕްޓަން އަބްދުލް ލަތީފް ކަމަށްވެސް އާދިލް ވިދާޅުވިއެވެ.

އަންނަ މަހުގެ 7 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްޓަލް ނެވިގޭޝަންގެ މި ކޯހަކީ ސެޓްފިކެޓް ލެވެލްގެ ކޯހެކެވެ. އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކޯސް ނިންމާ ކުދިން ކަނޑު އުޅަނދު ދުއްވުމަށް ލައިސަންސް ނަގާއިރު ތިއަރީ ޓެސްޓް ހަދަން ނުޖެހޭނެ ކަމަށް މެރިޓައިމް އެކަޑަމީ އިން ބުނެއެވެ.

މިކޯހުގައި ކިޔަވައި ދެނީ މައިގަނޑު ހަތަރު މޮޑިއުލެކެވެ. އޭގެ ތެރޭގައި ސޭފްޓީ، ނެވިގޭޝަން، ބްރިޖް ވޮޗް ކީޕިން އަދި ޖެނެރަލް ޝިޕް ނޮލެޖް ހިމެނެއެވެ.

ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޭޕްރީލް 4 ވަނަ ދުވަހުގެ ކުރިން މެރިޓައިމް އެކަޑަމީގެ އޮފީހަށް ފޯމު ހުށަހަޅަންޖެހޭނެ ކަމަށް އެ އެކަޑަމީއިން ބުނެފައިވެއެވެ.

މީގެ ކުރިންވެސް މެރިޓައިމް އެކަޑަމީއިން ވަނީ ކޯސްޓަލް ނެވިގޭޝަންގެ ކޯހެއް ކުޅުދުއްފުށީގައި ހިންގާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355