ކުރީގެ ސަރުކާރުން އުފެއްދި މަތި އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ޕްރޮވިންސް ކޯޑިނޭޓަރުގެ މަގާމުގައި ހުރި މީހަކު 2011 ވަނަ އަހަރު ގަވާއިދުން އޮފީހަށް ހާޒިރުނުވެ މުސާރަ ނަންގަވާފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފި އެވެ.
ކުޅުދުއްފުށީގައި ހުރި ގައުމީ އިދާރާއިން ގާނޫނާ ގަވާއިދުތަކާ ހިލާފަށް ހިންގާފައިހުރި އެތައް ކަމެއް ފާހަގަކޮށް އޮޑިޓަރ ޖެނެރަލް އިއްޔެ ނެރުއްވި ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2011 ވަނަ އަހަރު އޮފީހަށް ނުކުންނަން ޖެހޭ 243 ގެ ތެރެއިން އެމުވައްޒަފު އޮފީހަށް ނުކުމެފައިވަނީ އެންމެ 52 ދުވަހު ކަމަށެވެ. އަދި އޮފީހަށް އެންގުމަކާއި ނުލާ 176 ދުވަހު އޮފީހަށް ހާޒިރުވެފައި ނުވާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ މުވައްޒަފަށް 2011 ވަނަ އަހަރުގެ ތެރޭގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް 18500 އަށް ވުރެ ގިނަ ރުފިޔާ މުސާރައާއި އިނާޔަތުގެ ގޮތުގައި ދީފައިވެއެވެ.
އޮޑިޓު ރިޕޯޓުގައި ސިޔާސީ މަގާމުގައި ހުރި އެމުވައްޒަފުގެ ނަމެއް ބުނެފައެއް ނުވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން، އޭނާ އޮފީހަށް ހާޒިރުނުވާ ކަން އެއޮފީހުގެ އެޗްއާރު ޑިޕާޓްމެންޓުން އޮފީހުގެ ވެރިޔާއަށް ތަކުރާރުކޮށް އަންގާފައި ވީނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
އިއްޔެ ނެރުއްވި މި ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ވީގޮތެއް ނާންގައި އޮފީހަށް ހާޒިރުނުވެ ހުރި ދުވަސްތަކަށް އޭނާ އަށް ދީފައިހުރި ފައިސާއަކީ ދޭންޖެހޭވަރަށްވުރެ އިތުރަށް ދީފައިވާ ފައިސާތަކެއް ކަމަށެވެ. އެހެންކަމުން މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން އެކަމުގައި ޒިންމާވާ މީހެއްގެ އަތުން އެފައިސާ އަނބުރާ ހޯދުމަށް އޮޑިޓަރ ޖެނެރަލް ދަންނަވާފައި ވެއެވެ. އަދި އެބަޔަކާމެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުއްވުމަށް ވެސް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައި ވެއެވެ.
ޕްރޮވިންސް ކޯޑިނޭޓަރުގެ ނަމުގައި ކުރީ ސަރުކާރުން ވަރަށް ގިނަ ބަޔަކަށް ވަޒީފާ ދީފައިވެއެވެ. ގައުމީ އިދާރާގެ ހާއްސަ އޮޑިޓް ރިޕޯޯޓުގައި އެ އިދާރާއިން މާލިއްޔަތު ގާނޫނާ ހިލާފަށް ހިންގާފައި ހުރި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައި ވެއެވެ. މިހާރުގެ ސަރުކާރުން ރާއްޖޭގެ 7 ސަރަހައްދެއްގައި ހުރި ގައުމީ އިދާރާތައް މިހާރު ވަނީ އުވާލާފައި އެވެ.