މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ ފެބްރުއަރީ މަހު ކުޅުދުއްފުށިން ހައްޔަރުކުރި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފިއެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ކުޅުދުއްފުށީ، ލައްގާހުރާ އަހުމަދު ހާޝިމް (25 އަހަރު) އާމެދު އަޅާފައިވަނީ އިދާރީ ފިޔަވަޅެއް ކަމަށެވެ.
ފުލުހުންގެ ލާންސް ކޯޕްރަލްގެ މަގާމުގައި ހުރި އަހުމަދު ހާޝިމް ވަޒީފާއިން ވަކިކޮށްފައިވަނީ ޑިއުޓީގައި ހުއްޓާ، މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ޝައްކު ކުރެވިގެން އޭނާ ހައްޔަރުކުރުމަށް ފަހުއެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައި އެވެ.
ފުލުހުން މިމައްސަލަ ތަހުގީގު ނިންމާ ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހާރުވަނީ ފޮނުވާފައި އެވެ.