މިއަހަރުގެ ފުރަތަމަ ސެމިސްޓަރގެ މިޑް ޓާރމް ބްރޭކަށްފަހު ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރަން ކުރިން ނިންމި ނަމަވެސް ބްރޭކަށް ފަހު އަލުން ސްކޫލްތައް ފެށޭއިރު އެއް ދަންފަޅިއަށް ބަދަލެއް ނުކުރެވޭނެ ކަމަށް އަފީފުއްދީން ސްކޫލުން ހާމަކޮށްފިއެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވީ ކުލާސްރޫމް ތަކަށް ބޭނުންވާ ހުރިހާ ފަރުނީޗަރެއް އަދި ލިބިފައި ނުވާތީ މިޑްޓާރމް ބްރޭކް ނިމި ކިޔެވުން ފެށޭއިރު އެއް ދަންފަޅިއަށް ބަދަލުކުރެވޭ ވަރު ނުވާނެ ކަމަށެވެ. އަދި އެއްދަންފަޅިއަށް ބަދަލުކުރެވޭނެ ތާރީޚެއް ދަންނަވަން ދަތިކަމަށްވެސް އާދަމް މޫސާ ވިދާޅުވިއެވެ.
އާދަމް މޫސާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީއިން އައު އިމާރާތް ސްކޫލާއި ހަވާލުކުރާއިރު ފަރުނީޗަރުތައް ލިބޭނޭ ކަމަށް ކުރިން ބުނެފައިވާ ކަމަށާއި އެހެން ނަމަވެސް އަދި ލިބިފައިވަނީ ކުލާސް ރޫމްތަކަށް ބޭނުންވާ ގޮނޑި އެކަނި ކަމަށެވެ. އަދި މޭޒާއި ވައިޓު ބޯޑުތައް ހަމަ ނުވާ ކަމަށާއި އެކަން މިހާރު އެޑިއުކޭޝަނަށް ލިޔުމުންވެސް ދަންނަވާފައި ވާނެ ކަމަށް އާދަމް ވިދާޅުވިއެވެ.
އާދަމް މޫސާ އިތުރަށް ވިދާޅުވީ ސްކޫލު ބޯޑުން ކުލާސްރޫމުގައި ތަށިމުށި ޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި 3 ކުލާސް ރޫމުގައި ޖެހޭވަރަށް ތަށިމުށި ލިބިފައިވާ ކަމަށެވެ.
އަފީފުއްދީން ސްކޫލަކީ މިއަހަރު އެއް ދަންފަަޅިއަށް ކިޔެވުން ބަދަލުކުރުމަށް ނިންމާފައިވާ ސްކޫލެކެވެ. އެހެންނަމަވެސް އަހަރު ފެށުނު އިރު ބަދަލުނުކުރެވުމުން ދެން ނިންމީ މިޑް ޓާރމް ބްރޭކަށްފަހު ކިޔެވުން އެއް ދަންފަޅި އަށް ބަދަލުކުރުމަށެވެ.
495 ދަރިވަރުން ތައުލީމު ހާސިލް ކުރާ އަފީފުއްދީން ސްކޫލުގައި މިއަހަރު އަލަށް އޯލެވެލް އިމްތިހާނު ހަދަން ފަށާނެއެވެ.