ހއ. އިހަވަންދޫ އިން ކުޅުދުއްފުށި އޮންލައިންގެ ރިޕޯޓަރ ވާހިދު
ހއ އިހަވަންދޫ ބަނދަރުން ދަތުރުގެ ބައިވެރިންނަށް މަރުހަބާކީ އިހަވަންދޫ ސްކޫލުގެ ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލް އަދި ލީޑިން ޓީޗަރެކެވެ. އަފީފުއްދީން ސްކޫލު ގްރޭޑް 10 ގެ ފިޝަރީސް ސައިންސް ކިޔަވާ 8 ދަރިވަރުން އަންގާރަ ދުވަހު އިހަވަންދުއަށް ދަތުރުކުރީ މަަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމަށެވެ. މި ދަތުރުގައި ކުދިންގެ އިތުރުން 4 ބެލެނިވެރިންނާއި، ސްކޫލުގެ ޕްރިންސިޕަލާއި 2 ޓީޗަރުންނާއި މާއްދާ ކިޔަވައިދެއްވާ އިންޑިޔާގެ ޓީޗަރެއްވެސް ބައިވެރިވި އެވެ. ކުޅުދުއްފުށިން ފުރައިގެން ގާތްގަނޑަކަށް 2 ގަޑިއިރާއި ބައިގެ ދަތުރަކަށް ފަހު ދަތުރުގެ ބައިވެރިންގެ މަންޒިލް މަގްސޫދާއި ހަމައަށް އާދެވުނެވެ.
ދަތުރުގެ ބައިވެރިން ބަނދަރުމަތިން މިސްރާބުޖެހީ ކުރިންވެސް ދަތުރު ރޭވިފައިވާ ގޮތަށް އެރަށު ސްކޫލާއި ދިމާލަށެެވެ. 15 މިނެޓް ހިނގުމަށްފަހު ސްކޫލާއި ހަމައަށް ދެވުނެވެ. ހަމައެއާއެކު ކުރުނބާގެ ފިނި ބުއިމަކުން މަރުހަބާ ކިޔުނެވެ. ދަތުރު ކުރިއަށްދާނެ ގޮތާއި ބެހޭގޮތުން ވާހަކަ ދެއްކެވީ އިހަވަންދޫ ސްކޫލުގެ ލީޑިން ޓީޗަރެވެ. އެބޭފުޅާގެ ވާހަކައަށްފަހު ދެ ސްކޫލުގެ ޕްރިންސިޕަލުން ޝުކުރު ދެންނެވުމުގެ ގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެއަށްފަހު ދަރިވަރުންނާއި ހަވާލުވުމަށް އައިސްތިބި އެސްކޫލުގެ ކުދިންނާއެކު ބައިވެރިން ދިޔައީ ހަމަޖެހިފައިވާ ގެތަކަށެވެ.
ހެނދުނު 10:15 ހިނގިއިރު ހުރިހާ ބައިވެރިންވެސް ޖަމާވީ ހއ އިހަވަންދޫގައި ޤާއިމް ކޮށްފައިވާ އައިސް ޕްލާންޓްގެ ކުރިމައްޗަށެވެ. ވަގުތު ޖެހުމާއެކު ހުރިހާ ކުދިން އަވަސްވެގަތީ އައިސް ޕްލާންޓްގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް ބަލާލުމަށެވެ. އައިސް ޕްލާންޓާއި ހަވާލުވެ ހުންނެވި ބޭފުޅާ އައިސްޕްލާންޓާއި ބެހޭގޮތުން މައުލޫމާތު ދެއްވިއެވެ. ތަނުގެ ތެރޭގައި ގަދަ އަޑެއް ހުރިނަމަވެސް ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދާރީ ވަމުންވެސް ގެންދެވިއެވެ. އައިސް ޕްލާންޓް ބަލާލުމަށްފަހު ދަރިވަރުން އަނެއްކާވެސް ދިޔައީ އެކުއްޖަކަށް ޚާއްސަ ކުރެވިފައިވާ ގެއަށެވެ.
މެންދުރުގެ ކެއުމަށްފަހު ދަރިވަރުން ދެން މިސްރާބުޖެހީ އެރަށުގެ އޮޑި ހަރުގެ ތަކާއި ދިމާލަށެވެ. އިހަވަންދުއަކީ މިސަރަހައްދުން ފާހަގަކޮށްލެވޭ ކުޅަދާނަ މޮޅެތި ވަޑިން ތިބި ރަށެކެވެ. ދަރިވަރުން އެންމެ ފުރަތަމަ ޒިޔާރަތް ކުރީ ބަންނަން ފަށާފައިވާ ގާތް ގަނޑަކަށް 100 ފޫޓުގެ އޮޑިއެއް ކައިރިއަށެވެ. މި އޮޑީގެ އިސްވަޑި ވަނީ މި އޮޑިއާއި ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު ހިއްސާކޮށް ދަރިވަރުންގެ ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ވަރަށް ފުރިހަމައަށް ދީފައެވެ. އެއަށްފަހު ދެން ފައިބަރު އޮޑި އަކާއި ސަފާރީއެއްގެ އިތުރުން އެސަރަހައްދުގެ އޮޑިތައް ބަލާ އަމިއްލައަށް ތަޖުރިބާ ކޮށްފައިވެއެވެ.
އަފީފުއްދީން ސްކޫލުގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމަށް މިކުރި މަޖާ ދަތުރާއި ބެހޭގޮތުން ދަރިވަރުން ބުނީ މިދަތުރުގެ ސަބަބުން، ކުރިން ނޭނގޭ ވަރަށް ގިނަ އެއްޗެހި ތަކެއް އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި މުޅިން އައު ރަހުމަތްތެރިން ތަކެއްވެސް ލިބިފައިވާ ކަމަށާއި ރަށަށް އެނބުރި އައީ އަންނަ ހިތުން ނޫން ކަމަށްވެސް އެކުދިން ބުންޏެވެ. މިދަތުރާއި ބެހޭގޮތުން އަފީފުއްދީން ސްކޫލުގެ ފިޝަރީސް ސައިންސް ކިޔަވައިދެއްވާ ޓީޗަރ ތޯމަސް ވިދާޅުވީ މިދަތުރުގެ ސަބަބުން ފިލާވަޅުން ބޭރު ގިނަ މައުލޫމާތު ތަކެއް ދަރިވަރުންނަށް ލިބި ދަސްވެފައިވާ ކަމަށެވެ.
މިދަތުރަކީ އަފީފުއްދީން ސްކޫލުގައި ފިޝަރީޒް ސައިންސް ކިޔަވަމުން އަންނަ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމަށް ކުރި މިކަހަލަ ފުރަތަމަ ދަތުރެވެ.އަފީފުއްދީން ސްކޫލަކީ މިއަހަރު އަލަށް އޯލެވެލް އިމްތިހާން ހަދާ ސްކޫލެކެވެ.
[yass cats=18]
ދަތުރުގެ އިތުރު ފޮޓޯތައް ކުޅުދުއްފުށި އޮންލައިން ފޭސްބުކް ޕޭޖްގައި