މި ހަފްތާ ބަންދުގައި އޮންނަ ދެ އިންތިހާބަކަށް ތައްޔާރުވުން ވަރަށް ފޯރިއާއެކު ކުޅުދުއްފުށީގައި ކުރިއަށް އެބަދެއެވެ. މިގޮތުން މިއަންނަ ހޮނިހިރު ދުވަހު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ބާއްވާ އިންތިހާބު އޮންނަ އިރު މާދަމާ (ހުކުރު ދުވަހު) މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިހާބެއް ކުރިއަށް ދާނެއެވެ.
ކުޅުދުއްފުށީ ޕީޕީއެމްގެ އޮފިޝަލެއް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ބާއްވާ އިންތިހާބަށް ކުޅުދުއްފުށީގައި ބެހެއްޓޭނީ 1 ވޯޓު ފޮށި ކަމަށާއި އެ ފޮށި ބަހައްޓާނީ އަމީރު އަމީން ސްކޫލުގައި ކަމަށެވެ. އަދި އެދުވަހު ހެނދުނު 8 އިން ހަވީރު 4 އަށް ވޯޓުލުން ކުރިއަށްގެންދާނެ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވައެވެ. ވޯޓު ލުމަށް ހަމަޖެހިފައިވާ ވަގުތު ހަމަވާއިރު އެސަރަހައްދުގައި ވޯޓުލާން ބަޔަކު ކިޔުގައި ތިބިނަމަ އެބަޔަކު ނިމެންދެެން ވޯޓުފޮށި ބަންދު ނުކޮށް މަޑުކުރާނެ ކަންވެސް ޕީޕީއެމްގެ އޮފިޝަލު ފާހަގަ ކުރެއްވި އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވަނީ ކެނޑިޑޭޓް ނަމްބަރު 1 އަބްދުﷲ ޔާމީނާއި ކެންޑިޑޭޓް ނަންބަރު 2 އުމަރު ނަސީރެވެ. ޕީޕީއެމްގެ މި އިންތިހާބުގައި މާލެއާއި ރަށްރަށުގައި 167 ވޯޓު ފޮށި ބަހައްޓާނެއެވެ.
ޕީޕީއެމްގައި ކުޅުދުއްފުށީގެ 721 މީހަކު ވަނީ ރަޖިސްޓްރީ ވެފައެވެ.
މީގެ އިތުރުން މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިޚާބު ތަކުގެ ތެރެއިން ކުޅުދުއްފުށީ ދެކުނު ދާއިރާގެ ސެކެޓްރީކަމުގެ މަޤާމަށް މީހަކު އައްޔަން ކުރުމަށް ބާއްވާ އިންތިޚާބު މާދަމާ އޮންނާނެއެވެ.
މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ މެންދުރު 2 އިން ހަވީރު 5 އަށް އެމްޑީޕީ އޮފީހުގައެވެ. މިދާއިރާގެ ސެކެޓްރީ ކަމުގެ މަޤާމަށް ކުރިމަތި ލާފައިވަނީ ކެންޑިޑޭޓް ނަމްބަރު 1 އާދަމް ޝަރީފް މުހައްމަދު (ސީނިޔާޒް) އާއި ކެންޑިޑޭޓް ނަމްބަރު 2 އާދަމް މުހައްމަދު (ކޮށީގެ)އެވެ. އެމްޑީޕީގެ ކުޅުދުއްފުށީ ރަޖިސްޓްރީގައި 1340 މީހުން ރަޖިސްޓްރީ ވެފައިވާއިރު ދެކުނު ދާއިރާއަށް ނިސްބަތްވާ 566 މީހުން އެބަތިއްބެވެ.
މި ދެއިންތިހާބުގެ ތެރެއިންޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ އިންތިޚާބަށް ކެމްޕޭންކުރުން ވަރަށް ފޯރިއާއެކު ކުޅުދުއްފުށީގައި ކުރިއަށް އެބަދެ އެވެ.