twitterviber whatsapp telegramfacebookyoutube instagram
28th April 2024

ސަރުކާރު ބަދަލުވީފަހުން އިހަވަންދޫގެ ތަރައްޤީގެ މަސައްކަތްތައް ވަނީ ހުއްޓިފައި

Mar 30, 2013

ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވިފަހުން ހއ. އިހަވަންދޫގެ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

އިހަވަންދޫގައި ހުއްޓިފައިވާ މަޝްރޫއުތަކާ ބެހޭގޮތުން މިނޫހަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ސަމީރު ވިދާޅުވީ  އިހަވަންދޫގައި ނަރުދަމާގެ ނިޒާމަކާއެކު ސާފު ބޯފެނުގެ ޚިދުމަތް ދިނުމަށްޓަކައި 2012 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް މިހާ ހިސާބަށް އައި އިރު ސަރުކާރުން ބުނަމުންދަނީ އިހަވަންދޫގައި މިވަގުތަށް ގާއިމު ކުރެވޭނީ ޔޫއެންޑީޕީގެ އެހީގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ސާފް ބޯފެނުގެ ޕްރޮޖެކްޓް އެކަނި ކަަމަށެވެ. އެހެން ނަމަވެސް ކުރީގެ ސަރުކާރުން ނިންމާފައިވަނީ މި ދެ ޕްރޮޖެކްޓް ޚަރަދު ކުޑަކުރުމުގެ ގޮތުން އެއްފަހަރާ ކުރިއަށްގެންދާ ގޮތަށް ކަމަށާއި މިކަމާއި ބެހޭގޮތުން އޭރުގެ ސަރުކާރުން ތައްޔާރު ކުރި އީއައިއޭ ރިޕޯޓުތަކާއި ޑޮކިއުމެންޓް ތައްވެސް ކައުންސިލްގައި އެބަހުރިކަމަށް ސަމީރު ވިދާޅުވިއެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިހަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ރަށުގެ ހިމާޔަތަށްޓަކައި ރަށުގެ ވަށައިގެން ޖެހުމަށް ހަމަޖެހިފައިވާ ރިވެޓްމެންޓް ތަކުގެ މަސައްކަތާއި މެދުފަންތީގެ ޓޫރިޒަމަށް އަމާޒުކޮށްގެން އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ގެސްޓް ހައުސްގެ މަސައްކަތްވެސް ހުއްޓިފައިވާ ކަމަށެވެ. އަދި އަބާދީ އިތުރުވުމުގެ ސަބަބުން ބިމުގެ ދަތިކަމަށް ހައްލެއް ގެނައުމަށް ރައީސް ނަޝީދުގެ ސަރުކާރުން އަޅަން ނިންމާފައިވާ 100 ހައުސިން ޔުނިޓުގެ މަޝްރޫއު ތަކެއް ހުއްޓިފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ. މީގެ އިތުރުންވެސް އިހަވަންދޫގެ ބަނދަރުމަތި ތަރައްޤީ ކުރުމަށް ކުރީ ސަރުކާރުން ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމުގެ ކުޑަވެސް އިޝާރާތެއް މި ސަރުކާރުން ކޮށްފައިނުވާ ކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު އިތުރަށް ވިދާޅުވީ ހުއްޓިފައިވާ މަޝްރޫއު ތަކާ ބެހޭގޮތުން ރައީސް ވަހީދާއި ބައްދަލުކޮށް މަޝްވަރާކުރުމަށް، އެކިފަހަރުމަތިން މަސައްކަތްކޮށް އެފަރާތުން އެއްބާރުލުން ނުދެއްވާތީ، އެކަން ކާމިޔާބުވާގޮތް ވެފައި ނުވާކަމަށެވެ.

މަސްވެރިކަމާއި އެހެނިހެން ވިޔަފާރިތައް ކުރަމުން އަންނަ ހއ އިހަވަންދޫ އަކީ އެ އަތޮޅުގެ ނިސްބަތުން އެންމެ އާބާދީ ބޮޑު އެއް ރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355