އަމަލީ ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ އިކޯ ކުލަބްގެ ދަރިވަރުން ހދ ނޭކުރަންދޫއަށް މިއަދު ޒިޔާރަތްކޮށްފި އެވެ.
ނޭކުރަންދޫ ސްކޫލުގެ އީއެސް ކުލަބާއި ގުޅިގެން ކުރިއަށްދިޔަ މި ދަތުރުގައި ރާއްޖޭގައި އޮންނަ އެންމެ ބޮޑު ކަނޑޫފާ ކަމަށްވާ ނޭކުރަންދޫ ކަނޑޫފާ ވަނީ ބަލާލާފައެވެ. އަދި އެތަނުގައި އުޅޭ ދިރޭ އެއްޗެއްސާއި، އެތަނުގައި ހެދޭ ބާވަތްތަކުގެގަސްތަކާއި ބެހޭ މައުލޫމާތު ޖަލާލުއްދީން ސްކޫލުގެ އިކޯ ކުލަބުގެ ދަރިވަރުން ވަނީ ހޯދާފައެވެ.
ޖަލާލުއްދީން ސްކޫލުން މައުލޫމާތު ދެއްވާ ގޮތުގައި ނޭކުރަންދޫއަށް މިއަދު ކުރި ދަތުރަކީ އެރަށުގެ ކުޅިއާއި ކުޅިއާއި ގުޅިފައިވާ ވެށީގެ މައުލޫމާތު ހޯދުމަށާއި ނޭކުރެންދޫގައި ކުނި ނައްތާލެވޭގޮތާއި އެރަށުގެ ގޮނޑުދޮށާއި ގުޅިފައިވާ ތިމާވެށީގެ ތަފާތު މައްސަލަތައް ބަލައި ދިރާސާކޮށް، ނޭކުރަންދޫ ސްކޫލް ދަރިވަރުންނާއި މައުލޫމާތު ހިއްސާކުރުމަށްކުރި ދަތުރެކެވެ.
މި ދަތުރުގައި ކުޅުދުއްފުށީ މަށި ކުޅިއާއި ބެހޭ މައުލޫމާތު ނޭކުރަންދޫ އީއެސް ކުލަބަށް ވެސް ވަނީ ހިއްސާކޮށްފައެވެ. މި ދަތުރާއިބެހޭ ގޮތުން ބައިވެރިއަކު ބުނީ މިދަތުރުގެ ސަބަބުން ކަނޑޫފަލާއި ބެހޭ ވަރަށް ގިނަ ބޭނުންތެރި މައުލޫމާތު ތަކެއް ލިބިގެން ހިނގައްޖެ ކަމަށެވެ. އަދި ނޭކުރަންދޫގެ ރައްޔިތުން ކަނޑޫފާ ހިމާޔަތް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާކަން ފާހަގަ ވެގެން ގޮސްފި ކަމަށާއި، ކުޅުދުއްފުށީ ކުޅިވެސް މިގޮތަށް ބަލަހައްޓަން ޖެހިފައިވާ ކަމަށެވެ.
ޖަލާލުއްދީން ސްކޫލުން މައުލޫމާތު ދެއްވާ ގޮތުގައި، މި ދަތުރުގައި، ޖަލާލުއްދީން ސްކޫލް އީކޯ ކުލަބްގެ ދަރިވަރުން އެކުދިންގެ ކުލަބާއި ބެހޭ ޕްރެޒެންޓޭޝަނަކާއި، ކުޅުދުއްފުށީގެ ކުޅިއާއި އެތަނުގެ ވެއްޓާއި، ކުޅީ ސަރަހައްދަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކާއިބެހޭ ތަފުސީލް މައުލޫމާތު ހުށަހަޅާ ދެ ސްކޫލުގެ ދެމެދު މައުލޫމާތު ބަދަލުކޮށްފައިވެ އެވެ.
ނޭކުރެންދޫ ސްކޫލްގެ ތިމާވެށި ކުލަބްގެ ފަރާތުން ވެސް ވަނީ ނޭކުރެންދޫ ކުޅިއާއި އެތަނުގެ ވެއްޓާއި އެތަނާއި ގުޅިފައިވާ އާދަކާދަ އާއި ބޯދާ ވާހަކަތަކާއި ބެހޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.
ޖަލާލުއްދީން ސްކޫލުގެ އިކޯ ކުލަބުގެ މިއަހަރުގެ ފުރަތަމަ ފީލްޑް ޓްރިޕް ގައި ކުލަބްގެ 32 ދަރިވަރުން ބައިވެރި ވެފައި ވެއެވެ.
ޖަލާލުއްދީން ސްކޫލުގެ އިކޯ ކުލަބަކީ ތިމާވެށީގެ ދާއިރާއިން މުހިއްމު މަސައްކަތްތަކެއް ސްކޫލް ފެންވަރުގައި ކުރަމުން އަންނަ ކުލަބެކެވެ.