ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑުގެ ތެރެއިން މުއްދަތު ހަމަވާ ކާޑުތައް، ކަސްޓަމަރ ގެ އެޕްލިކޭޝަނަކާއި ނުލައި ބޭންކުގެ ފަރާތުން އާ ކޮށްދޭގޮތަށް ހަމަޖައްސައިފި އެވެ.
ބޭންކްގެ ޚިދުމަތް ހޯދާފަރާތްތަކުގެ ފަސޭހައަށްޓަކައި މިގެނައި ބަދަލާ ގުޅިގެން ބޭންކުން މަޢުލޫމާތު ދޭގޮތުގައި، އެމެކްސް ޑެބިޓް ކާޑު އާ ކުރުމަށް ހަމަޖެހިފައިވަނީ ކާޑުގެ މުއްދަތު ހަމަވުމުގެ 15 ދުވަސް ކުރިންނެވެ. މިގޮތުން އެޕްރީލް 2013 އިން ފެށިގެން އާ ކޮށްދޭ ކާޑުތައް މުއްދަތު ހަމަވާ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބޭންކްގެ ކާޑް ސެންޓަރުން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މިގޮތަށް އާކޮށްދެނީ ކާޑުގެ މުއްދަތު ހަމަވުމުގެ ކުރިން ފާއިތުވި ތިންމަސް ދުވަހުގެ ތެރޭގައި އެމެކްސް ޑެބިޓް ކާޑު ބޭނުންކޮށްގެން މަދުވެގެން އެއް މުއާމަލާތް ކޮށްފައިވާ ކަސްޓަމަރުންގެ ޑެބިޓް ކާޑެވެ.
ބޭންކުން ބުނީ މާރޗް މަހުގެ ނިޔަލަށް މުއްދަތު ހަމަވާ އެމެކްސް ޑެބިޓް ކާޑުތައްވެސް ކަސްޓަމަރުގެ އެޕްލިކޭޝަނާއި ނުލައި އާކޮށްދިނުމަށްފަހު އެޕްރީލް އެކަކުން ފެށިގެން ލިބެން ހުންނާނެ އެވެ.
މިއީ އެމެކްސް ޑެބިޓް ކާޑުގެ އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ކިޔޫގައި މަޑުކުރަން ނުޖެހި ފަސޭހަ ގޮތެއްގައި ކަސްޓަމަރުންނަށް އެމެކްސް ކާޑު ލިބޭނެ ގޮތަށް ހެދުމަށްޓަކައި ގެނެވުނު ބަދަލެއް ކަމަށް ބޭންކުން ބުނެއެވެ.
މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބޭންކުން ވަނީ އެޕްލިކޭޝަނާއި ނުލައި ވިސާ ޑެބިޓް ކާޑު ވެސް އާކޮށްދޭން ފަށާފަ އެވެ.