ހދ. ތީފަރިދޫ އިން ފުރައިގެން ހއ. ދިއްދޫއަށް ދަތުރުކުރަމުން ދިޔަ ހދ. ފިނޭ “ހޯރަ” ނަމަކަށްކިޔާ ދޯންޏެއް ދިޔަވެ އަޑިއަށް ގޮސްފި އެވެ.
ގޭހާއި ފެނާއި ލުއިކާނާ އާއި ކާޑުގެ ބާވަތްތައް ހިފައިގެން ދިއްދޫއަށް ދަތުރުކުރި ހޯރަ ދޯނި ކޮންޓްރޯލް ނުވާވަރަށް ދިޔަވެ އަޑިއަށް ދިއުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން މިހާރު ވަނީ ފަށައިފަ އެވެ.
އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައި މިހާދިސާގެ މައުލޫމާތު މިއަދު 06:00 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާއަށް ލިބުމުން އެސަހައްދަށް ގޮސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަގުތުންވަނީ ފަށާފައެވެ. މިގޮތުން ޑައިވަރުންނާއެކު ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް އެސަރަހައްދަށް ދިޔައިރު މޯލްޑިވްސް ޕޮލިސް ސާރވިސްއިން ޑިންގީއެއްގައި އެސަރަހަށްދަށްގޮސް ދޯންޏަށް އެހީތެރިވުމުގެ މަސައްކަތްވަނީ ފަށާފައެވެ.
ހަތަރު މީހުންނާއެކު ދަތުރުކުރި މިދޯނި އަޑިއަށް ގޮސްފައިވަނީ ކުއްލިއަކަށް ކަމަށާއި މިހާދިސާ ހިނގަން ދިމާވި ސަބަބެއް އަދި އޮޅުން ފިލާފައި ނުވާކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް ނޮދަން އޭރިއާއިން މައުލޫމާތު ދެއްވައެވެ. އަދި ދޯނިން ދަތުރުކުރި ހަތަރު މީހުން މިހާރުވަނީ ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ނެގިފައިކަމަށާއި މިހާދިސާގައި ދޯނީގެ ދިރުބާކޮޅުން ތަންކޮޅެއް ފިޔަވައި ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާކަމަށް ވެސް އެމްއެންޑީއެފް ނޮދަން އޭރިއާއިން މައުލޫމާތު ދެއްވައެވެ.