މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލު އިމާރާތް ކުރުމާބެހޭ ގޮތުން އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެނަމަ އިހުތިޖާޖަށް ނިންކުންނާނެ ކަމުގެ އިންޒާރު އެސްކޫލުގެ ބޯޑުގެ ޗެއާރޕާސަން އައިމިނަތު ގާސިމް ދީފި އެވެ.
ކުޅުދުއްފުށީ އޮންލައިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގިނަ ދުވަސް ތަކެއް ވަންދެން ތަޢުލީމީ ދާއިރާ ގައި އުޅުއްވާފައިވާ އައިމިނަތު ގާސިމް ވިދާޅުވީ 2012 ވަނަ އަހަރުގެ ބަޖެޓް ގައި ހިމަނާފައި ވާ މި ހޯލު އިމާރާތް ކުރުމުގެ މަސައްކަތަށް ވީ ގޮތެއް ހޯދުމަށް މިއަދުގެ ވަގުތެއް ގައި ގަރާރެއް ނެރޭނެކަމަށާއި އަދި ބެލެނިވެރިން ގެ ގްރޫޕެއް އެޑިއުކޭޝަން އާ ބައްދަލު ކުރުމަށް ވަރަށް އަވަހަށް މާލެ ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
“މައްސަލައަކީ އެހެން ތަނެއް ގައި ހޯލެއް އަޅާތީކީނޫން، އަޅުގަނޑުމެން މައްސަލަ އަކީ އަޅުގަނޑުމެންގެ ހޯލުގެ މަސައްކަތަށް ވީގޮތެއް ނޭގޭތީ. ބަޖެޓް ގަ ހިމަނާ ބިން ދައްކާފަ ވާ ކަމެއްމީ. މިނިސްޓްރީން އެކަށީގެވާ ޖަވާބެއް މިކަމުގައި ނުލިބެއްޖެއްޔާ އެންމެ ފަހު ފިޔަވަޅެއް ގޮތުން އިހުތިޖާޖަށް ނިކުންނާނީ.” އައިމިނަތު ވިދާޅުވި އެވެ.
އައިމިނަތު ގާސިމް ވިދާޅުވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕީއުޓީ މިނިސްޓަރ އިމާދު ސޯލިހް އާއި އެމިނިސްޓްރީގެ އިތުރު ބޭފުޅަކާއެކު ކުޅުދުއްފުއްޓަށް ޒިޔާރަތް ކުރުމުން ހޯލުގެ މަސައްކަތަށް ވީގޮތެއް އޮޅުން ފިލުވުމަށް ސުވާލު ކުރެއްވި ކަމަށާއި އެހެން ނަމަވެސް ހޯލަށް ވެގެން އުޅޭ ގޮތާއި ބޭހޭ ގޮތުން އިމާދު އަށް ޖަވާބު ދެވިފައި ނުވާކަމަށެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒަކީ 2012 ވަނަ އަހަރުގެ ބަޖެޓް ގައި ހިމަނާފައިވާ ހޯލެކެވެ. 4.1 މިލިއަން ރުފިޔާގެ މި މަޝްރޫޢު ފެށުމަށް ސަރުކާރުން ވަނީ ވަރަށް ބޮޑަށް އިހްމާލުވެފަ އެވެ.