twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގައުމީ ނެޓްބޯޅަ ޓީމުގައި ފިޔަޖަހަމުން އަންނަ ކުޅުދުއްފުށީގެ ތަރި

Apr 14, 2013

 މީގެ 10 އަހަރު ކުރިން ސްކޫލުގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތުން ނެޓްބޯޅަ ކުޅުމުގެ ތެރެއަށް ވަދެވުނު، ކުޅުދުއްފުށީ އެލްޕާސޯ ރާޝިދާ މޫސާއަކީ މިހާރު މުޅި ރާއްޖެއަށް ވެސް ފާހަގަ ކޮށްލެވޭ ފެންވަރުގެ ކުޅުންތެރިއެކެވެ. ރާޝިދާ މޫސާއަކީ މިއަދު، ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިއެއްގެ އިތުރުން 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޓްރޭނަރެއް ވެސްމެއެވެ.

“2008 ވަނަ އަހަރު ގައުމީ މުބާރާތުގައި ކުޅެން 3 ކުދިންނަށް މިރަށުން ފުރުޞަތު ލިބުނީ. އެކަމަކު ރަށުން 2 ކުދިން މާލެ ދިޔައީ. އޭގެ ތެރެއިން އަޅުގަނޑު އެކަނި ޓީމަށް އެރީ. އެހިސާބުން ދެން އެ ޖޮއިން ވެވުނީ.” ގައުމީ ޓީމުން ފުރުޞަތު ލިބުނު ގޮތާ  ބެހޭގޮތުން ރާޝިދާ، ކުޅުދުއްފުށި އޮންލައިނަށް ކިޔައިދިނެވެ.

ގައުމީ ޓީމާ ގުޅުނު ފަހުން ރާއްޖެއިން ބޭރު 4 މުބާރާތެއްގައި ބައިވެރިވެފައިވާ ރާޝިދާއަކީ އެ މުބާރާތްތަކުން ރަން ވަނަ ތަކެއް ހާސިލުކޮށްފައިވާ ފަރާތެކެވެ. މިގޮތުން މެލޭޝިޔާގައި އޮތް 7 ވަނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕާއި ސްރީލަންކާގައި އޮތް ފަސްޓް ސައުތު އޭޝިއަން ބީޗް ނެޓްބޯޅަ މުބާރާތާއި، 8 ވަނަ އޭޝިއަން ޗެމްޕިއަންޝިޕް ފަދަ ބޮޑެތި މުބާރާތްތަކުގައި ގައުމީ ޓީމު ހޯދި ކާމިޔާބީތަކުގައި ރާޝިދާ މުހިއްމު ދައުރެއް އަދާކޮށްފައި ވެއެވެ.

ގައުމީ ޓީމަށް ކުޅެން ފެށިފަހުން ރާޝިދާއަށް އެންމެ ބޮޑު އުފަލެއް ލިބުނު ދުވަހަކީ އޭޝިއަން ޗެމްޕިއަންޝިޕް ނެޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއަށް ސިލްވަރ މެޑަލް ލިބުނު ދުވަސް ކަމަށް އޭނާ ބުންޏެވެ.

ކެރިގެން ކުރިމަތިލައިފި ނަމަ މިއީ ކޮންމެ ކުއްޖަކަށްވެސް ކުރިއަށް ދެވިދާނެ ދާއިރާއެއް ކަމަށާއި ކުޅުދުއްފުށީގައި ވަރަށް ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށްވެސް ރާޝިދާ ބުންޏެވެ.

އުމުރުން 24 އަހަރުގެ ޒުވާން ނެޓްބޯޅަ ކުޅުންތެރިޔާ ރާޝިދާ ނެޓްބޯޅައިގެ ރޮނގުން އިތުރު ކުރިއެރުންތަކެއް ހޯދާ ކާމިޔާބީ ތަކެއް ހާސިލް ކުރުމަށް ބޭނުންވެއެވެ. މިގޮތުން މިހާރު ރާޝިދާ ތަމްރީނު ކުރަމުންދާާ 21 އަހަރުން ދަށުގެ ޓީމު ޖޫން މަހު ބުރޫނާއީގައި އޮންނަ މުބާރާތުން ރަން ވަނައަކަށް އުންމީދު ކުރެއެވެ. އަދި މިރޮނގުން ދެވެން އޮތް އެންމެ މައްޗަށް ދިޔުމަކީ މިހާރު ރާޝިދާގެ އެނެމެ ބޮޑު ހުވަފެންވެސް މެއެވެ.

މިދާއިރާގައި ކުރިއަށްދިޔުމަށް އާއިލާއާއި ވަކިން ޚާއްސަކޮށް މައިންބަފައިންގެ ފަރާތުން ލިބޭ އެއްބާރުލުން ޝުކުރުވެރި ކަމާއި އެކު ރާޝިދާ ފާހަގަކުރިއެވެ. ރާޝިދާ ކަހަލަ މޮޅު ހުނަރުވެރި ޒުވާނުން ރަށަށް ހޯދައިދޭ ރީތި ނަމަށްޓަކައި، ކުޅުދުއްފުށީ ރައްޔިތުންވެސް ރާޝިދާއަށް ފަޚުރުވެރި ވެއެވެ.

[yass cats=22]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355