ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އަބުދުﷲ ޔާމީނާއި ވާދަކޮށް ބަލިވި އުމަރު ނަސީރު، އެޕާޓީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި އަބުދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ވާހަކަފުޅު ދައްކަވާ، އަދި ޕާޓީގެ ގަވައިދުތަކާއި ހިލާފަށް ބައެއް ކަންކަން ކޮށްފައިވާތީ އެޕާޓީގެ ސްލޫކީ ކޮމެޓީން އުމަރު މާޢާފަށް އެދެން އަންގަވާފައިވާތީ އެކަން ކުޅުއްފުށީ ޕީޕީއެމް ރިޔާސީ ގޮފިން ކުށްވެރިކޮށްފި އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން ރިޔާސީ ގޮފީގެ ރައީސް އަހުމަދު އަޒީމް ވިދާޅުވީ ޕީޕީއެމް އުފެދިގެން އައީ ރައީސް މައުމޫނާއި އުމަރު ނަސީރުގެ ބުރަ މަސައްކަތުން ކަމަށާއި ޕީޕީއެމްއަކީ އުމަރު ކަމަށާއި އެއީ ޔާމީނެއް ނޫން ކަމަށެވެ. އަދި އުމަރު މާއާފަށް އެދެންޖެހޭވަރުގެ ކުށެއް ނުކުރާކަމަށާއި ކޮންމެ މީހަކަވެސް އެމީހަކު ބޭނުން ވާހަކަ އެއް ބުނުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އަޒީމް ވިދާޅުވި އެވެ.
“ޕީޕީއެމް އުފެއްދީ ރައީސް މައުމޫނާއި އުމަރުގެ ބުރަ މަސަކަތުން. ޕީޕީއެމް އަކީ އުމަރު. އެއީ ޔާމީނެއް ނޫން.” އާޒިމް ވިދާޅުވި އެވެ.
އާޒިމް އިތުރަށް ވިދާޅުވީ އުމަރު ނަސީރު ޕާޓީން ވަކި ކޮށްފިނަމަ އަމިއްލަ ހައިސިއްޔަތުން އުމަރުގެ ފަހަތުން ދާންޖެހިދާނެކަމަށެވެ. އެހެން ނަމަވެސް އަދި ރިޔާސީ ގޮފިން ވަކި ގޮތެއް ކަނޑަނާޅާކަމެވެ. ނިމިގެން ދިޔަ ޕީޕީއެމްގެ ވާދަވެރި ޕްރައިމަރީގައި ރިޔާސީ ގޮފީގެ ބޭފުޅުންގެ އިތުރުން އަސުރުމާ ގޮފިގެ އިސްބައެއް މެމްބަރުން އުމަރު ނަސީރަށް ވަނީ ކެމްޕެއިން ކޮށްދީފަ އެވެ.