ތައުލީމު ހާސިލުކުރުމަށް ލިބިފައިވާ ރަނުގެ ފުރުޞަތު ހެޔޮގޮތުގައި ބޭނުން ހިފުމަށް އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ އެ ސްކޫލުގެ ދަރިވަރުންނަން ގޮވާލައްވައިފި އެވެ.
ޕްރިންސިޕަލް މިހެން ގޮވައިލެއްވީ މިއަދު ފާހަގަ ކުރަމުންދާ އެސްކޫލުގެ 9 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި ދަރިވަރުންނާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކައިގައި އެވެ. އާދަމް މޫސާ ދެއްކެވި ވާހަކަފުޅުގައި. އެ ސްކޫލުގެ ދަރިވަރުން ނަން ލިބިފައިވާ ރަނުގެ ފުރުޞަތު އެންމެ ހެޔޮ ގޮތުގައި ހިފުމަށާއި މިއަދު ލިބިފައިވާ ތައުލީމީ ފުރަޞަތުގެ ބޭނުން ނުހިފައިފި ނަމަ މާދަމާ ހިތާމަ ކުރަންޖެހިދާނެ ކަމަށް ވިދާޅުވި އެވެ.
އަފީފުއްދީން ސްކޫލަކީ ރާއްޖޭގެ ނިސްބަތުން ސްކޫލުގެ ތެރެއިން ގިނަ ވަސީލަތްތަކެއް ލިބެން ހުރި ސްކޫލެއް ކަން ފާހަގަ ކުރައްވަމުން އާދަމް ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަން ނުލިބޭ ރަގަޅު ފުރުޞަތުތަކެއް އެ ސްކޫލުގެ ދަރިވަރުންނަން ލިބިފައިވާ ކަމަށެވެ. އަދި ދަރިވަރުންނަަން ލިބިފައިވާ ތައުލީމުގެ އަގު ވަޒަން ކުރުމަށް ދަރިވަރުންނަން އިލްތިމާސް ކުރެއްވިއެވެ.
ޕްރީންސިޕަލް އާދަމް މޫސާ އިތުރަށް ވިދާޅުވީ ބިދޭސީ ޓީޗަރުން ކުރައްވާ ބުރަ މަސައްކަތް ފާހަގަ ކުރައްވާ ކަމަށާއި އާއިލާ އާއި ރަހްމަތްތެރިން އަދި ޤައުމު ދޫކުރައްވާ އެބޭފުޅުން މިތާގައި މަސައްކަތް ކުރަނީ އެބޭފުޅުންގެ ޤައުމުގައި ވަޒީފާގެ ފުރުޞަތު ނެތީމައި ނޫން ކަމަށެވެ. ބިދޭސީ ޓީޗަރުންނަން ދަރިވަރުން ކުރާ އިހުތިރާމް ކުޑަކަން ޕްރިންސިޕަލް ފާހަގަ ކުރެއްވި އެވެ.
ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން ސްކޫލްގެ ބޯޑު މެމްބަރުންނާއި ޕީޓީއޭގެ މެމްބަރުން ބައިވެރިވި މި ހާއްސަ އެސެމްބްލީ ނިންމާލީ ހާއްސަ ދުޢާ އަކުންނެވެ.
އަފީފުއްދީން ސްކޫލަކީ ގުރޭޑް 1 އިން 10 އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. ސްކޫލު ހުޅުވުނީ 2004 ވަނަ އަހަރުގެ އޭޕްރީލް މަހު 25 ވަނަ ދުވަހު އެވެ. މިސްކޫލު ނިސްބަތް ވަނީ މަޝްހޫރު އަދީބު ބޮޑުފެންވަޅުގޭ ސީދީ ނުވަތަ ޙުސެއިން އަފީފުއްދީންނަށެވެ.