މިއަހަރުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު ބޭންކް އޮފް މޯލްޑިވްސްގެ ސާފު ފައިދާ ރިކޯޑް އަދަދެއް ކަމަށްވާ ފަސްސަތޭކަ ހަތާވީސް މިލިއަން ރުފިޔާއަށް އަރައިފި އެވެ.
ބީއެމްއެލް އިން މިއަދު ޝާއިރުކުރި މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ރިޕޯޓްގައި ވާގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރ އާއި އަޅާބަލާއިރު މި ކުއާޓަރގައި ލިބުނު ފައިދާވަނީ 354 މިލިއަން ރުފިޔާ އިތުރުވެފައެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު ބޭންކުގެ ހިންގުމުގެ ފައިދާ އަކީ 303.3 މިލިއަން ރުފިޔާ އެވެ. މިއީ ވޭތުވެދިޔަ އަހަރުގެ ފަހު ކުއާޓަރގައި ލިބުނު 147 މިލިއަން ރުފިޔާ އާއި އަޅާބަލާއިރު %106 ގެ ކުރިއެރުމެކެވެ.
މި ނަތީޖާއާއެކު ބޭންކުގެ މާލީ ހާލަތުވަނީ ރަގަޅުވެ ޙިއްޞާދާރުންގެ ފައިސާ 1.7 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. އަދި ބޭންކުގެ ރައުސުލްމާލު ދެނެގަތުމަށް ބަލާ މުހިއްމު މިންގަޑެއްކަމަށްވާ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ މިވަގުތުވަނީ %26 ގައި ހިފެހެއްޓިފައެވެ. އާއްމުކޮށް މި މިންގަނޑު ހިފަހައްޓަން ޖެހެނީ ޤާނޫނު ލާޒިމުކުރާ އަދަދުކަމަށްވާ %12 އާއި ހަމައިގައެވެ.
ބޭންކުގެ ސާފު ފައިދާ އިތުރުވެފައިވާއިރު، ބޭންކުގައި ޑިޕޮސިޓް ކުރެވިފައިވާ އަދަދުވެސްވަނީ ކުރީއަހަރުގެ ފަހު ތިން މަސްދުވަހާއި އަޅާބަލާއިރު 1.45 ބިލިއަން ރުފިޔާ އިތުރުވެ ޖުމްލަ ޑިޕޮސިޓްވަނީ 9.25 ބިލިއަން ރުފިޔާއަަށް އަރާފައެވެ. މީގެ އިތުރުން މި ކުއާޓަރގައި ބޭންކުގެ ރައުސުލްމާލު ވަނީ 10.16 ބިލިއަން ރުފިޔާއިން އިން 12.23 ބިލިއަން ރުފިޔާއަށް އަރާފައެވެ.
“މި ނަތީޖާ ހާސިލުކުރެވިގެން ދިޔައީ ކާމިޔާބީ ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ ބުރަ މަސައްކަތުންނެވެ. އަދި ހަމައެހެންމެ އުފެއްދުންތެރި ނޫން ލޯނުތަކުގެ ތެރެއިން ބައެއް ބޮޑެތި ލޯނުތައް ނިމުމަކަށް ގެނައުމަށް ކުރެވުނު މަސައްކަތުގެ ސަބަބުންވެސްމެއެވެ. މިއީ ހުރިހާ ގޮތަކުން ބަލާއިރުވެސް ބޭންކަށް ހާސިލު ކުރެވުނު ވަރަށް ފުރިހަމަ ކާމިޔާބީއެކެވެ.” ބޭންކުން ނެރެފައިވާ ނޫސްބަޔާނުގައި ވެއެވެ.