ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު އެޑިއުކޭޝަން މިނިސްޓްރީއަށް ހާޒިރުވުމަށް އަންގައިފި އެވެ.
މިދޔަ އަހަރު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަމާހަވާލުވި ހިންގުންތެރި ޕްރިންސިޕަލް ޒިޔާދު ރަޝާދު މިނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވީ މިނިސްޓްރީގެ ބޭނުމަކަށް އޭނާ މާލެ ދިއުމަށް މިމަހު 21 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި މެސެޖަކުން އަންގަވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ސަބަބަކާ ހުރެ ކަމެއް އެގިވަޑައިނުގަންނަވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި މިނިސްޓްރީން އަންގަވައިފާ ގޮތަށް ވަރަށް އަވަހަށް މާލެ ދާނެކަމަށް ޒިޔާދު ވިދާޅުވި އެވެ.
“މިނިސްޓްރީން ވަނީ އަޅުގަނޑު މާލެ އައުމަށް މެސެޖަކުން އަންގާފަ. ވަކި ކޮން ސަބަބަކާހުރެ ކަމެއް އަޅުގަނޑަކަށް ނޭގޭ. އަދި ކަނޑުމަގުން އައުމުން ދަތުރު ހަރަދު ލިބޭނެ ކަމަށް އޮތް.” ޕްރިންސިޕަލް ޒިޔާދު ވިދާޅުވި އެވެ.
ހދ އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުންނާއި ބެލެނިވެރިންގެ މަގުބޫލުކަން ހޯދާފައިވާ ޕްރިންސިޕަލް އެޑިއުކޭޝަނަށް ހާޒިރުވުމަށް އަންގާފައި މިވަނީ، އެޑިއުކޭޝަން މިނިސްޓަރާއި އެމިނިސްޓްރީގެ އިސްވަފުދެއް މިމަހު 18 ވަނަ ދުވަހު ކުޅުދުއްފުއްޓަށް ވަޑައިން، ސްކޫލުތަކުގެ އިސްވެރިންނާއި ބައްދަލު ކުރުމުން ސްކޫލު ތަކުން ގިނަ ޝަކުވާތަކެއް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ހާއްސަ ކޮށް ހދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ވަނީ މިނިސްޓަރ ޑރ އާސިމް އަހުމަދު އަރިހު އިންނަވާ މިނިސްޓްރީން ގެންގުޅޭ ދޯދިޔާ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.